ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 19:18
ރަސްގެފާނު ސަލްމާން
ރަސްގެފާނު ސަލްމާން
ގޫގުލް
ސައުދީ އަރަބިއްޔާ
ފަލަސްތީނުގެ އަމިއްލަ ދައުލަތަކަށް ތާއީދު ކުރަން އަދި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ލިބިދޭން ޖެހޭ: ރަސްގެފާނު ސަލްމާން
ސައުދީ ރަސްގެފާނު މިހެންވިދާޅުވިއރު ސައުދީގެ ވަލީއަހުދު ދާދިފަހުން ވިދާޅުވީ އިސްރާއީލުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއެކު އެބައިމީހުންގެ ބިމުގައި ދިރިއުޅުމުގެ ހައްގު އޮންނާނެ ކަަމަށް

 

ފަލަސްތީނުގެ އަމިއްލަ ދައުލަތަކަށް ތާއީދު ކުރައްވާ ކަމަށާއި އަދި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ލިބިދޭން ޖެހޭ ކަަމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ. 

ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދު ކުރައްވާ މިމޭރުމުން ސައުދީގެ ރަސްގެފާނު ވާހަކަފުޅުދެއްކެވިއިރު ދާދިފަހުން ސައުދީގެ ވަލީއަހުދު އަދި ރަސްގެފާނުގެ ދަރިކަލުން އަދި ތަޚުތައް އަރާވަޑައިގަންނަވަން ތައްޔާރަށް ހުންނެވި މުހައްމަދު ބިން ސަލްމާން ވިދާޅުވީ އިސްރާއީލުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއެކު އެބައިމީހުންގެ ބިމުގައި ދިރިއުޅުމުގެ ހައްގު އޮންނާނެ ކަަމަށެވެ. އެމެރިކާގެ މަޖައްލާއެއް ކަމަށްވާ "ދި އެޓްލާންޓިކް މެގަޒިން" އަށް އުމުރުން 32 އަހަރުގެ މުހައްމަދު ވިދާޅުވީ" ކޮންމެ ބަޔަކަށް ވެސް އެ ބަޔަކަށް ލިބިފައިވާ ގައުމެއްގައި ހަމަޖެހިގެން އުޅުމުގެ ހައްގު އޮންނަންވާނެ" ކަމަށެވެ. މީގެ އިތުރުން މުހައްމަދު ބިން ސަލްމާން ވިދާޅުވީ " ގުދުސްގައި ހުރި މުސްލިމުންގެ މުގައްދަސް މިސްކިތާއި އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއިމެދު ކަންބޮޑުވުން އެބަ އޮތް ކަމަށާއި އެކަމާމެދު ދެބަސްވުމެއް ނެތް" ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ސައުދީ ރަސްގެފާނު ކުރައްވާ ތާއިދު ހާމަކުރައްވަމުން، ސައުދީގެ ދައުލަތުގެ ރަސްމީ ނޫސް އެޖެންސީ އެސްޕީއޭ އިން އާންމުކުރި ސައުދީ ރަސްގެފާނުގެ ބަޔާނެއްގައި ބުނީ " ސައުދީ ރަސްގެފާނު ހުންނެވީ ދެގޮތެއް ނުވެ ފަލަސްތީނުގެ ރައްޔިތުންނާ އެކީ ކަމަށާއި އަދި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ލިބެން ޖެހޭނެ ކަމަށާއި އަދި ފަލަސްތީނުގެ ވެރިރަށަކީ ޖެރޫސަލަމް އަށް ވާން ޖެހޭ ކަމަށެވެ."

މީގެ އިތުރުން ހޯމަ ދުވަހުގެ ރޭ ސައުދީ ރަސްގެފާނު ސަލްމާން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ދެމެދު ކުރެވުނު ފޯން ކޯލް އެއްގައި ސައުދީ ރަސްގެފާނު ވަނީ ފަލަސްތީނު-އިސްރާއީލު މައްސަލައަށް ސުލްހަ ބޭނުންވާ ކަން ހާމަކުރައްވާފައެވެ. ދާދިފަހުން އިސްރާއީލު-ޣައްޒާ ބޯޑަރު ސަރައްދުގައި މުޒާހަރާ ކުރަމުން ދިޔަ ފަަލަސްތީނު ރައްޔިތުންނަށް އިސްރާއީލު ސިފައިން ވަނީ ހަމަލާ ދީ 17 މީހަކު މަރާލާފައެވެ. އަދި އެތައް ބަޔަކު ޒަޚަމްކޮށްލާފައެވެ. 

ސައުދީ ރަސްގެފާނު ފަލަސްތީނުގެ ރައްޔިތުންނަށް ކުރެއްވި ތާއީދަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީ ކަމަށްވ"ވަފާ" މެދުވެރިކޮށް ޝުކުރު އަދާކުރައްވާފައެވެ. 

 

- ކޮމެންޓް