ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 19:40
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮން-އުން، ދުނިޔޭގެ ގޮވާލުންތަކަށް ބީރު ކަންފަތެއްދޭ ވެރިއެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައި
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮން-އުން، ދުނިޔޭގެ ގޮވާލުންތަކަށް ބީރު ކަންފަތެއްދޭ ވެރިއެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައި
ރޮއިޓަރސް
ޗައިނާ - އެމެރިކާ
އުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިންގެ ބައްދަލުވުން ވަރަށް އޮމާންކަމާ އެކީ ކުރިއަށްދާނެ ކަމަށް އުންމީދު ކުރަން: ޗައިނާ
އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މިއަންނަ މޭ މަސް ނިމުމުގެ ކުރިން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި

 

އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ބައްދަލުވުން އޮމާންކަމާ އެކީ ކުރިއަށްދާނެ ކަމަށް އުންމީދު ކުރާ ކަމަށް ޗައިނާ އިން ބުނެފިއެވެ. 

ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލަރު ވެންގް ޔީ ނޫސްވެރިންނަށް ވިދާޅުވީ އަދި އެމެރިކާ އާއި ޗައިނާގެ ވެރިންގެ ބައްދަލުވުމަށް "ހުރަސް އެޅޭނެ ފަދަ ކަމެއް" ދެފަރާތުން ވެސް ނުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. 

ޗައިނާ އަށް ވަޑައިގެން އުޅުއްވާ ސްވިޓްޒަލޭންޑްގެ ފޮރިން މިނިސްޓަރާ އެކު ނޫސްވެރިންނާ ބައްދަލު ކުރައްވަމުން އަންގާރަ ދުވަހު ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލަރު ވެންގް ޔީ ވިދާޅުވީ ކޮރެއާ ސަރައްދުގެ ހަލަބޮލި ކަމަށް ލުޔެއް ލިބޭ ކޮންމެ ފަހަރަކު، މާޒީން ކަމެއް ފެންނަ ކަމަށާއި އެއީ ސުލްހައަށް ހުރަސްއެޅޭ ކަންކަން ދިމާވަމުން އަންނަ ކަންކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކަށް ވެސް "ގޮވާލަނީ ރީތި ހަމަމަގުން ކަންކަން ގެންދިއުމަށް ކަމަށެވެ." 

ޗައިނާ މީގެ ކުރީގައި ބެލެވިފައި ވަނީ އުތުރުު ކޮރެއާ އާ ސިއްރުން ވަރަށް ގާތް ގުޅުމެއް ބާއްވާ ގައުމެއްގެ ގޮތުގައި ކަމަށްވާއިރު، އެހެން ނަމަވެސް ފަހަކަށް އައިސް އުުުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އދ އިން އެގައުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ޗައިނާ އިން ތާއިދު ކުރުމުގެ ސަބަބުން އުތުރު ކޮރެއާ އާ ޗައިނާގެ ގުޅުމަށް ވަނީ ހީނަރުކަން އައިސްފައެވެ.

އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަންނަ މޭ މަސް ނިމުމުގެ ކުރިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ އިރު، ދެކުނު ކޮރެއާ މެދުވެރިކޮށް އުތުރު ކޮރެއާ އިން ރައީސް ޓްރަމްޕަށް ދެއްވި ބައްދަލުވުމުގެ ދައުވަތު ރައީސް ޓްރަމްޕް ގަބޫލުފުޅު ކުރެއްވުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔައެވެ. މިއީ އެމެރިކާގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކާއި، އުތުރު ކޮރެއާގެ ލީޑަރަކާ ބައްދަލުވާނެ ފުރަތަމަ ފަހަރެވެ.  

އުތުރު ކޮރެއާ އަށް ބައިނަލްއަގްވާމީ މުޖުތަމައު އިން ތަކުރާރުކޮށް ގޮވާލަމުން ދަނީ މިސައިލްތައް ޓެސްޓްކުރުމާ އަދި ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އިން އެކަމަށް އިޖާބަދީފައެއް ނުވެއެވެ. އުތުރު ކޮރެއާގެ އަމަލުތަކުގެ ސަބަބުން އދ. އާއި އެމެރިކާ އިން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ. ބެލެވޭ ގޮތުގައި ކުރިއަށް ހުރި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ މި ފިޔަވަޅުތަކަށް ލުޔެއް ހޯދުމެވެ. ނަމަވެސް އެމެރިކާ އިން ބުނެފައި ވަނީ ސުލްހައަށް މަސައްކަތްކުރާކަން އުތުރު ކޮރެއާ އިން އަމަލުން ދައްކަންޖެހޭނެ ކަމަށެވެ.


 

- ކޮމެންޓް