ބޮލީވުޑްގެ ކާމިޔާބު އެކްޓްރެސް އަނުޝްކާ ޝަރްމާ އާއި އޭނާގެ ކޮއްކޮ ކަރްނޭޝް ޝަރްމާ ފިލްމް ކުންފުނި ކްލީން ސްލޭޓް ފިލްމްސް އިން މިއަހަރު ތިން ފިލްމެއް ޕްރޮޑިއުސް ކުރާނެކަން ހާމަކޮށްފިއެވެ.
ކްލީން ސްޓޭލް ފިލްމްސް އިން މިއަހަރު ތިން ފިލްމެއް ޕްރޮޑިއުސް ކުރާނެކަން ހާމަކޮށްފައި ވީނަމަވެސް އެއީ ކޮން ތިން ފިލްމެއްކަން ބުނެފައެއް ނުވެއެވެ. ޚަބަރުތައް ބުނާ ގޮތުގައި އެ ކުންފުނިން އުފައްދަން ނިންމާފައިވާ ތިން ފިލްމު ވަރަށް އަވަހަށް އިއުލާންކުރާނެއެވެ.
މީގެ ކުރިން ކްލީން ސްޓޭލް ފިލްމްސް އިން ވަނީ ތިން ފިލްމެއް އާންމުކޮށްފައެވެ. އެއީ 2015 ވަނަ އަހަރު ނިކުތް ކާމިޔާބު ފިލްމު "އެންއެޗް10" އާއި މިދިޔަ އަހަރު ނިކުތް ފިލޯރީ އަދި މިއަހަރު ނެރުނު ޕަރީއެވެ.
ބޮލީވުޑްގައި ކާމިޔާބު 10 އަހަރު މިހާރު ގުނަމުންދާ އަނުޝްކާ ޝަރުމާ ވަނީ ގިނަ ކަންތައްތަކެއް ހާސިލް ކޮށްފައެވެ. އަމިއްލަ ޕްރޮޑަކްޝަނެއް ހިންގުމުގެ އިތުރުން އޭނާއަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ އެކްޓްރެސްއެކެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނި ކޮށްފައިވާ އަނުޝްކާ މީގެ ކުރިން ބުނެފައި ވަނީ ހުރިހާ ކަމެއް ވެސް އޭނާއަށް ހާސިލުވީ އޭނާ ކުރާ ކަންތަކާ މެދު އެހެން މީހުން ދެކޭނީ ކިހިނެއް ކަމާ މެދު އޭނާ އެއްވެސް ވަރެއްގެ ސަމާލު ކަމެއް ނުދޭތީއެވެ. އަނުޝްކާއަކީ އޭނާ ހިތަށް އެރި ގޮތަކަށް ކަންތައް ކުރާ މީހެކެވެ. މީހަކު ބުނެގެން ނުވަތަ ބުނެފާނެ ބަހަކަށް ޖެހިލުންވެ އޭނާ ކަމެއް ނުކުރާނެ ކަމަށާއި އެކަމަކީ ރަނގަޅު ކަމެއް ކަމަށް އޭނާއަށް ފެނިއްޖެ ނަމަ އެކަމެއްގައި ހިނދުކޮޅަކަށް ވެސް މަޑުކުރުމެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
އަނުޝްކާ ބުނީ އޭނާ އެންމެ އުފާ ވަނީ އަމިއްލަ ގެއެއް ގަނެވުނު ދުވަހު ކަމަށެވެ. އޭނާ ބުނީ އެދުވަހު ވަރަށް ބޮޑު އެއްޗެއް ހާސިލުވި ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ.
ފިލްމު ކުޅެން ފެށުމުން ލިބުނު މަޝްހޫރު ކަމުގެ ސަބަބުން ފުރަތަމަ ވަރަށް ޖެހިލުންވި ކަމަށް ވެސް އަނުޝްކާ ބުންޏެވެ. އަދި މީސް މީހުން އެހާ ދަންނަ މޫނަކަށް ވުމަކީ ފަސޭހަ ކަމަކަށް ނުވި ކަމަށާއި ކަންތައްތައް ކުރަންވާ ގޮތެއް ވެސް އޭރު ނޭނގޭ ކަމަށް އަނުޝްކާ ބުންޏެވެ.