ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލުގެ އަސްކަރިއްޔާ އާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެއެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އދ ގެ ސެކިޔުރިޓީ ކައުންސިލުން ހުކުރު ދުވަހު ބޭއްވި ކުއްލި ބައްދަލުވުމުގައި އިސްރާއީލު-ފަލަސްތީނު މައްސަލައިގައި ވަކި ގޮތެއް ނުނިންމާއިރު އެކަމާ ބެހޭ ގޮތުން ސެކިޔުރިޓީ ކައުންސިލުގެ ގައުމުތައް ގުޅިގެން ގުޅިފައިވާ ބަޔާނެއްވެސް ނެރެފައެއް ނުވެއެވެ.
ކުވައިތު އިސްދައުރެއް އަދާކޮށްގެން ސެކިޔުރިޓީ ކައުންސިލުގެ ބައްދަލުވުމެއް ހުކުރު ދުވަހު ބޭއްވިއިރު، މި ބައްދަލުވުން ބޭއްވީ 2014 ވަނަ އަހަރު އިސްރާއީލާއި ޣައްޒާގެ ވެރިކަން ކުރާ ހަމާސް އާ ދެމެދު ޣައްޒާގެ ބޯޑަރުގައި ބަދަލުކުރެވުނު ހަމަލާއަށް ފަހު ހިނގައި ދިޔަ އެންމެ ވަރުގަދަ ހަމަނުޖެހުން ހިނގިތާ މާގިނައިރުތަކެއް ނުވަނީހެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އިސްްރާއީލު-ޣައްޒާގެ ބޯޑަރު ސަރައްދުގައި ފަލަސްތީނުގެ ރައްޔިތުން ކުރި މުޒާހަރާގައި އިސްރާއީލު ސިފައިން ހަމަލާ ދިނުމުގެ ސަބަބުން ފަލަސްތީނުގެ ފަނަރަ މީހުން މަރުވި ކަމަށާއި އަދި 750 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އެހެންނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނީ ފަލަސްތީނުގެ މުޒާހިރީން މަސައްކަތް ކުރީ ސުލްހަވެރިކަމާއެކު މުޒާހަރާ ކުރުމަށް ނޫން ކަމަށާއި އެގޮތުން ބައެއް މުޒާހިރީން ގާއުކާ އަދި އަލިފާން ރޯކޮށްފައިވާ ޓަޔަރުތައް އިސްރާއީލު ސިފައިންނާ ދެކޮޅަށް އުކަމުން ދިޔަކަމަށެވެ.
އިސްްރާއީލު-ޣައްޒާގެ ބޯޑަރު ސަރައްދުގައި ފަލަސްތީނުގެ ރައްޔިތުން ފޭލިގެ ޖަހައި، ފަލަސްތީނު އެތައްހާސް ރައްޔިތުން ހުކުރު ދުވަހު ހެނދުނުން ފެށިގެން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. "ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ހަ ހަފުތާގެ މުއްދަތަށް ފަލަސްތީނު ރައްޔިތުން ފެށި މުޒާހަރާގައި ފަލަސްތީނު މީހުން ޑިމާންޑް ކުރަމުން ދަނީ އިސްރާއީލުގައި މިހާރު ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީން އެ މީހުންގެ ގެދޮރަށް އަނބުރާ ގެނައުމަށެވެ. އިހްތިޖާޖް ނިންމަން ހަމަޖައްސާފައި ވަނީ މެއި 15 ވަނަ ދުވަހު ކަމަށްވާއިރު އެއީ ފަލަސްތީނުން ކިޔާ ގޮތުން ނަކްބާ ނުވަތަ ހަލާކުގެ ދުވަހެވެ. ނުވަތަ 1948 ވަނަ އަހަރު އިސްރާއީލް އުފެދުނު ދުވަހެވެ.