ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 17:33
އިސްރާއީލް ސިފައިންގެ ޙަމަލާތަކުގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ގެންދިޔުމަށް އެމްބިއުލާންސްއަށް އަރުވަނީ
އިސްރާއީލް ސިފައިންގެ ޙަމަލާތަކުގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ގެންދިޔުމަށް އެމްބިއުލާންސްއަށް އަރުވަނީ
ޒިންހުއާނެޓް
ފަލަސްތީން
ފަލަސްތީނުގެ 773 މީހުންގެ ގަޔަށް އިސްރާއީލުން ބަޑި ޖަހައިފި!
މިއީ ފަހުގެ ތާރީޚުގައި 'ހަނގުރާމައިގެ ޙާލަތު' ނެތް ވަގުތެއްގައި ފަލަސްތީނުގެ އެންމެ ގިނަ މީހުން ޒަޚަމްވި ފަހަރު

އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފުމާއި ދެކޮޅަށް އިހުތިޖާޖުކުރަން ނިކުތް މީހުންނާއި އިސްރާއީލް ސިފައިން ކުރިމަތިލައި، ފަލަސްތީނުގެ 773 މީހެއްގެ ގަޔަށް ޔަހޫދީ ސިފައިން ބަޑި ޖަހައިފިއެވެ.

ޣައްޒާއާއި އިސްރާއީލް ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އިހުތިޖާޖުކުރަން ނިކުތް ފަލަސްތީނުގެ އާއްމުންނާއި އިސްރާއީލުގެ ސިފައިންނާއި ދެެމެދު ހިނގި ކުރިމަތިލުންތަކުގެ މައްސަލަ ބެލުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިރޭޒް ވަނީ ގޮވާލައްވާފައެވެ.

އިސްރާއީލް ސިފައިންގެ ބަޑީގެ ޙަމަލާތަކުގައި 15 މީހަކު ވަނީ ޝަހީދުވެފައެވެ. ޣައްޒާގެ އޮފިޝަލުން ބުނާ ގޮތުގައި ޝަހީދުވި އެންމެންގެ ގަޔަށް ވެސް ވަޒަން އަރާފައިވަނީ ހަށިގަނޑުގެ މަތީ ބަޔަށެވެ. އަދި ބަޑީގެ ޙަމަލާތަކުގެ ސަބަބުން ގިނަ ބައެއްގެ ޙާލު ސީރިއަސް ކަމަށާއި، ޝަހީދުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭކަމަށް ވެސް އޮފިޝަލުން ވިދާޅުވެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ 17 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.

ބަޑީގެ ޙަމަލާ 773 މީހެއްގެ ގަޔަށް އަރާފައިވާއިރު، އިސްރާއީލް ސިފައިން ދިން އެހެން ޙަމަލާތަކުގެ ސަބަބުން ކަރުނަގޭހުގެ އަސަރުކުރި މީހުންނާއިއެކު ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު 1400 އަށް ވުރެ ގިނައެވެ.

ޔަހޫދީން ފަލަސްތީނުގެ ބިންތައް އަތުލައި، ވެރިވެގަތުމާއި ދެކޮޅަށް 6 ހަފްތާގެ މުއްދަތަށް ހުކުރު ދުވަހު ފެށި އިހުތިޖާޖުތައް ކުރިއަށްދަނީ ޣައްޒާ-އިސްރާއީލް ސަރަހައްދީ އިމުގެ ކައިރީގައި ކޭމްޕް ޖަހައިގެންނެވެ. ހުކުރު ދުވަހު އިހްތިޖާޖް ފެށުމާއިއެކު ބައެއް ކޭމްޕްތަކުގައި ތިބި ޒުވާނުން އިސްރާއީލް ސިފައިންނަށް އޮށްގަލާއި ރޯކޮށްފައިވާ ޓަޔަރު ފަދަތަކެތިން ޙަމަލާ ދޭން ފެށުމާއިއެކު އިސްރާއީލް ސިފައިން ވަނީ ބަޑިން އެމީހުންނަށް ޙަމަލާދީފައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބައިގަޑިއެއްހާ އިރުތެރޭ 10 ވަރަކަށް މީހުންގެ ގަޔަށް ވަޒަން އަރައިގެން ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު ފެނުނެވެ. 

ގިނަ ބަޔަކަށް ލިބުނު އަނިޔާތަކުގެ ސަބަބުން ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްވަނީ ހޮނިހިރު ދުވަހަކީ ޤައުމީ ހިތާމައިގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް ބަޑި ޖެހުމަށް ފަހު އިސްރާއީލް އަސްކަރިއްޔާއިން ބުނީ އެއިހުތިޖާޖުތަކަކީ ޙަމާސްއިން އަޑީގައި އޮވެ، އިހުތިޖާޖުގެ ނަމުގައި ހިންގާ ޓެރަރިސްޓް ހަރަކާތެއް ކަމަށެވެ. ސްނައިޕަރުން ބޭނުން ކޮށްގެން އިސްރާއީލުން ޙަމަލާދީފައިވަނީ ޓެރަރިސްޓުންނަށް ކަމަށް ވެސް އިސްރާއީލުން ބުންޏެވެ. 

ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވުމާއި ގުޅިގެން ޣައްޒާގެ ހޮސްޕިޓަލްތަކުން ލެޔާއި ބޭސްވަނީ މަދުވެފައެވެ. މިމައްސަލައިގައި އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވި ނަމަވެސް، ނެރޭނެ ބަޔާނަކާއިމެދު މެމްބަރު ޤައުމުތަކަށް އެއްބަސްވުމަކަށް ވަނީ ނާދެވިފައެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް