އެމެރިކާގެ ވިސާއަށް އެދޭ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓް ސްކްރީން ކުރަން ފެޑެރަލް ސަރުކާރުން ހުށަހަޅާފައިވާ ކަމަށް އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ހުކުރު ދުވަހު ބުނެފިއެވެ.
މި ހުށަހެޅުން އޮފީސް މެނޭޖްމަންޓުން ގަބޫލުކޮށްފި ނަމަ ވިސާއަށް އެދި ހުށަހަޅާ ފަރާތްތަކުން ވޭތުވެ ދިޔަ ފަސް އަހަރު ބޭނުންކޮށްފައިވާ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ލިސްޓް ދޭން ޖެހޭނެއެވެ.
މި މައުލޫމާތު ބޭނުން ކުރާނީ ވެޓިންގ ނިޒާމްގެ ތެރެއިން މީހުން ދެނެގަތުމަށެވެ.
މި ނިޒާމުގެ އަސަރު އަހަރު 14.7 މިލިއަން މީހުންނަށް ކުރާނެއެވެ.
މި ނިޒާމް ވެގެންދާނީ ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެ ވަޑައިގެންފައިވާ ފަދައިން އެމެރިކާއަށް ޓެރެރިސްޓުން ވަނުން ހުއްޓުވުމަށް ވެޓިން ސިސްޓަމް ހަރުކަށި ކުރުމަށް ލިބިދޭ އިތުރު ބާރަކަށެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ހަރުކަށިކޮށް ބަލާނީ ޓެރިޒަމާއި ގުޅުންހުރި ކަމަށް ބެލެވޭ ފަރާތްތަކާއި އެހެނިހެން ގޮތްގޮތުން ގައުމީ ސަލާމަތަށް ނުރައްކާތެރިކަމެއް އޮތް ފަރާތްތައް ކަމަށެވެ.
އެމެރިކަން ސިވިލް ލިބަރޓީސް ޔޫނިއަންއިން ވަނީ މިކަމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅިގެންދާކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.