ކުއްލި ނުރައްކަލުގެ ހާލަތުގައި ރާއްޖެ ޓީވީގެ މުވައްޒަފުން ދެއްކި ހިތްވަރު ރައްޔިތުން ބަލައިގަތްކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ، ރަށްރަށުން ތައްޔާރުކޮށްގެން ގެނައި ފަރިވަޅުތަކުންނެވެ. މި ސިލްސިލާގެ ދަށުން ތ. ވިލުފުށީ ރައްޔިތުންގެ ފަރާތުން ވެސް ރާއްޖެ ޓީވީ އަށް ފަރިވަޅު ހަދިޔާކޮށްފި އެވެ.
ވިލުފުށިން ގެނައި ފަރިވަޅު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި، އެ ފަރިވަޅު ތައްޔާރުކުރުމުގައި ހަރަކާތްތެރިވި ޒަރާނާ އަހްމަދު ބުނީ ރާއްޖެ ޓީވީގެ މުވައްޒަފުން ބިރެއް ނެތި އުފުލަމުންދާ ގައުމީ ވާޖިބު، ވިލުފުށީ ރައްޔިތުން އުފަލުން ބަލައިގަންނަ ކަމަށެވެ. އަދި މި ފަރުވަޅު ހަދިޔާކުރީ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް އޭނާ ބުންޏެވެ.
މި ހަފްލާގައި ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ރާއްޖެ ޓީވީގެ ކާމިޔާބަކީ ރައްޔިތުންގެ ހެޔޮ ދުއާ އާއި ދެމުންދާ ލޯބި ކަމަށެވެ. ރައްޔިތުން ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ދެމުންދާ ހިތްވަރު ފާހަގަ ކުރައްވައި ފިޔާޒު ވިދާޅުވީ ރައްޔިތުން އެދޭ ފަދަ ރަނގަޅު ކޮންޓެންޓެއް ގެނައުމަށް މަސައްކަތް ކުރާނެ އެވެ.
ވިލުފުށީގެ އިތުރުން މި ހަފުތާތެރޭގައި ބ. އަތޮޅު އޭދަފުށިން ވެސް ވަނީ ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ވަރަށް ހާއްސަ ހަދިޔާއެއް ގެނެސްދީފަ އެވެ. އެ ހަދިޔާ ފޮށިގަނޑުގައި އެ ރަށުގައި ތައްޔާރުކޮށްފައިވާ ވަރަށް ތަފާތު ބާވައްތަކުގެ ކާބޯތަކެތި ހިމެނެ އެވެ.