ކ. މާލެ
|
30 މާރޗް 2018 | ހުކުރު 17:33
މި ސަރުކާރުން އެންމެ ބޮޑު ޓެރަރިސްޓުންގެ ގޮތުގައި ދެކޭ ކުރީގެ ރައީސް ނަޝީދަށް ބޭރު ގައުމުތަކުން މަރުޚަބާ ކިޔަނީ ރަތް ދޫލައިން
މި ސަރުކާރުން އެންމެ ބޮޑު ޓެރަރިސްޓުންގެ ގޮތުގައި ދެކޭ ކުރީގެ ރައީސް ނަޝީދަށް ބޭރު ގައުމުތަކުން މަރުޚަބާ ކިޔަނީ ރަތް ދޫލައިން
ޓްވިޓަރ
ރާއްޖޭގައި ޓެރަރިޒަމް
ޓެރަރިޒަމްގެ ދައުވާ ބޮޑު ޝަރަފަކަށް!
ކުރީގެ ރައީސް މައުމޫނުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި
ކުރީގެ ޕޮލިސް ކޮމިޝަނަރާއި އުއްތަމަ ފަނޑިޔާރަކީ ވެސް ޓެރަރިސްޓުން ކަމަށް މި ސަރުކަރުން ދެކޭ
ސަރުކާރަށް ބަދު ބަހެއް ބުނާ ކޮންމެ މީހަކީ ޓެރަރިސްޓަކަށް ދަނީ ހަދަމުން

ޓެރަރިޒަމޭ ބުނުމުން ހިތަށް ސިފަވަނީ ކިހިނެއް ހެއްޔެވެ؟ ބިންލާދީނާއި މުއްލާ އުމަރު ހެއްޔެވެ؟ ނޫނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާ ހެއްޔެވެ؟ ނޫނީ ފްރާންސާއި އެ ނޫން ވެސް ގައުމުތަކުގައި ދެމުން ގެންދާ ހަމަލާތައް ހިތަށް ސިފަވޭ ހެއްޔެވެ؟ އިރާގާއި ސީރިއާ، އަފްޣާނިސްތާނު ފަދަ ގައުމުތަކުގައި އޮހަރަމުންދާ ލޭ ކޯރުތައް ހިތަށް ސިފަވޭ ހެއްޔެވެ؟

ނޫނެކެވެ. ރާއްޖޭގައި ޓެރަރިޒަމޭ ބުމުން ހިތަށް ސިފަވަނި ކޮންމެ ވެސް ސިޔާސީ ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޓެރަރިސްޓެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މައުމޫންގެ ދަރިކަލުން ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި މެންބަރު ސިނާނާއި މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން މެންބަރު އިލްހާމް އަހްމަދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފަކީ ވެސް މި ލިސްޓްގައި ހިމެނުމަށް ތައްޔާރުވެފައިވާ ބޭފުޅުންނެވެ. ދެން ވެސް މި ސަރުކާރަށް ބަދު ބަހެއް ބުނާ ކޮންމެ މީހަކީ ވެސް ސަރުކާރުގެ ޓެރަރިސްޓުންގެ ލިސްޓްގައި ހިމެނޭ ފަރާތްތަކެވެ.

ދުނިޔޭގެ ގައުމުތަކުން ޓެރަރިޒަމް މާނައަކީ އެންމެ ބޮޑު އެއް ކުށުގެ ގޮތުގައެވެ. ރާއްޖޭގައި ވެސް ލަފްޒީ މާނައިގައާއި ގާނޫނުތަކުގައި އެކަން އޮތީ އެ ގޮތަށެވެ. އަދަބު ވެސް ކަނޑައަޅާފައި އޮތީ އެ ގޮތަށެވެ. ނަމަވެސް ހަމައެކަނި ތަފާތަކީ އެގޮޅިއަށް ސަރުކާރުން ފައްތާ މީހުންނެވެ. ވެރިކަމަށް ބަދު ބަހެއް ބުނާ ކޮންމެ މީހަކީ ޓެރަރިސްޓަކަށް ހަދާ ސަރުކާރެއް މި ނޫނިއްޔާ އޮންނާނެ ކަމަކަށް ނުފެނެއެވެ.  

ސިފައިންގެއަށް އެތައް ޚިދުމަތްތަކެއް ކުރެއްވުމަށް ފަހު މިހާރު ރައްޔިތުން މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އިބްރާހީމް ދީދީ ވިދާޅުވަނީ ރަނގަޅަށެވެ. މިހާރު ރާއްޖޭގައި ޓެރަރިޒަމް ސިފަކުރެވެނީ ޝަރަފެއްގެ ގޮތުގައެވެ. ޓެރަރިޒަމްގެ ތުހުމަތަކީ އެ މީހަކަށް ލިބޭ ލަގަބަކާއި ރީތި ނަމެކެވެ. ސަބަބަކީ އެ ބިޔަ ކުށުގެ ތުހުމަތުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސުންނާއި ޕޮލިސް ކޮމިޝަނަރުންނާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ސިފައިންނާއި ފުލުހުންގެ ގޮތުގައި ގައުމަށް އެތައް ޚިދުމަތްތަކެއް ކޮށްދިން ފަރާތްތައް ހިމެނުމެވެ. މިއިން ކޮންމެ ބޭފުޅަކީ ވެސް އެއްވެސް ކަހަލަ ކުށުގެ ރެކޯޑެއް އޮތް ބޭފުޅުންނެއް ނޫނެވެ. ނަމަވެސް ޓެރަރިސްޓުންގެ ތުހުމަތުކުރެވި ޖަލުތަކުގައި ދުވަސްތައް ހޭދަކުރައްވަން ޖެހިވަޑައިގެންފައިވާ ހަމައެކަނި ސަބަބަކީ މި ސަރުކާރާ ޚިޔާލު ތަފާތުވުމެވެ. ނުވަތަ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނުކޮށް އިންސާފާއި ހަމައިގެ ތެރެއިން ނިންމުންތައް ނިންމަވައި އަނިޔާ އާއި ބޭއިންސާފާ ދެކޮޅަށް އަޑު އުފުއްލެވުމެވެ. މިއަށް ވުރެ ބޮޑު ޖޯކެއް ކޮބައި ހެއްޔެވެ؟

 

މިގައުމުގައި ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ސަރުކާރު ބަދަލުކުރުމުގެ ވާހަކަ ދެއްކުމަކީ ޓެރަރިޒަމެވެ. ގައުމުގައި ފަސާދަ އާއި ވައްކަން ކުރާ ވާހަކަ ދެއްކުމަކީ ޓެރަރިޒަމެވެ. ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ހަމަ އެފަދަ ގާނޫނީ ހަމަތަކުގެ ތެރެއިން ބަދަލުކުރުމަށް ވާހަކަ ދައްކައި ކަނޑައަޅާފައިވާ އުސޫލްތަކުގެ ތެރެއިން މަޖިލީހުގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ ވާހަކަ ދައްކައި އަދި އެކަމާ މެދު ހިޔާލުފާޅުކޮށް އެ ކަމަށް މަސައްކަތްކުރުމަކީ ޓެރަރިޒަމެވެ. ނަމަވެސް ހަގީގަތުގައި މިއިން ކޮންމެ ކަމަކީ ވެސް ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ރާއްޖޭގައި އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އާއި އެ ގާނޫނުއަސާސީގެ ދަށުން އިސްލާމީ ޝަރީއަތާ ޚިލާފު ނުވާނެ ގޮތަށް އެކުލަވާލައި އަމަލުކުރަމުން އަންނަ ގާނޫނުތަކުގައި ވަރަށް ސާފު ޞަރީހަ އިބާރާތުން ލިޔެވިފައި ހުރި ކަންކަމެވެ.  

ސިޔާސީ ފަރާތްތަކަށް ފުލުފުލުގައި ޓެރަރިޒަމްގެ ދައުވާކުރަމުން ގެންދާ އިރު އެ ދައުވާގެ އަސްލު ހައްގުވެރިންތަކެއް މަގުމަތީގައި އެއްވެސް ބިރެއް ނެތި އެބަ ދުވެއެވެ. ބޮޑެތި ޖަރީމާތައް ހިންގަމުން ޖެހިލުމެއް ނެތި މީހުން ކަތިލަމުން އެބަ ދުވެއެވެ. ނަމަވެސް އެއިން ފަރާތެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްގެން އެ ސާބިތުކުރުން ވަނީ އުދައްޔަކުން ފަރުބަދަ ކެނޑުން ކަހަލަ ކަމަކަށެވެ. ގިނަ ފަހަރަށް ސާބިތުކުރެވޭ ވަރެއް ނުވެއެވެ. ފެންނަނީ އަނެއް ދުވަހު އަނެއްކާ ވެސް މަގުމަތީގައި ކޮންމެ ވެސް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅެނިކޮށެވެ.

މިއީ ރާއްޖޭގެ މިހާރުގެ ހަގީގަތަށްވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރުމާ އެކު އެ ދައުވާގެ އަސްލު މަގުސަދު ވަނީ ވެއްޔާ މޮޑެވިފައެވެ. މިއަދު ޓެރަރިސްޓެކޭ ބުނެ އިނގިލި ދިއްކޮލާ ކޮންމެ މީހަކީ މި ގައުމަށް އަގު ނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދީފައިވާ އަދި ކޮންދިނުމުގައި ދެމި ތިބި ފަރާތްތަކެވެ. އެއީ އެއްވެސް ބަރުދަނެއް ނެތް، ރައްޔިތުން ގަބޫލުނުކުރާ އެއްޗަކަށް ވަނީ ވެފައެވެ. ޓެރަރިޒަމްގެ ދައުވާއަކީ މިއަދު ބޮޑު ޖޯކެކެވެ. ސިޔާސީ ފަރާތްތަކަށް ދެވޭ މެޑައްޔެކެވެ. އެ ފަރާތްކަށް ލިބޭ އިތުރު ޝަރަފެކެވެ. މިއީ ހަމައެކަނި ދިވެހިން ގަބޫލުރާ ގޮތެއް ނޫނެވެ. ރާއްޖޭގައި ޓެރަރިސްޓުންނޭ ކިޔަނީ މަތީ ލަގަބުތަކުގެ ޚިދުމަތްތެރިންނަށް ކަން ބައިނަލްއަގުވާމީ ފަރާތްތަކަށް ވެސް އެނގެއެވެ. އެހެންކަމުން އެފަދަ ބޭފުޅަކު ބޭރު ގައުމަށް ވަޑައިގެންނެވި ނަމަވެސް އުޅުއްވަނީ ވަރަށް އިއްޒަތާއި ޝަރަފުގައެވެ. ވަޒީރުންގެ ފެންވަރުގައެވެ. ނުވަތަ ރައީސުންގެ ފެންވަރުގައެވެ. މަރުޚަބާ ދަންނަވަނީ ވެސް އެ ފެންވަރުގައެވެ. އޭގެ އެންމެ ބޮޑު މިސާލަކީ މި ސަރުކާރުން އެންމެ ބޮޑު ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައެޅި ކުރީގެ ރައީސް ނަޝީދެވެ. ދުނިޔޭގެ ގައުމުތަކުން އެ ޓެރަރިސްޓަށް މަރުޚަބާ ކިޔަނީ ރަތް ދޫލައިންނެވެ. ބްރިގޭޑިއާ ދީދީ ވިދާޅުވި ފަދައިން ޝަރަފާ އެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
2 އޭޕްރިލް 2018 | ހޯމަ 09:30
ހ މ ޒ
ހުކުމެއްގައި ތިބި އެއްވެސް ލީޑަރެއްގެ ނަމެއް ވޯޓް ކަރުދާހުގައި ނޯންނާނެ !؟