ކ. މާލެ
|
29 މާރޗް 2018 | ބުރާސްފަތި 19:31
އުތުރު ކޮރެއާގެ ޚުދުމުޚުތާރު ވެރިޔާ ކިމް ޖޮން-އުން (މެދުގައި)
އުތުރު ކޮރެއާގެ ޚުދުމުޚުތާރު ވެރިޔާ ކިމް ޖޮން-އުން (މެދުގައި)
އޭއެފްޕީ
ދެކޮރެއާ
ދެކޮރެއާގެ ވެރިން ބައިވެރިވެވަޑައިގަންނަވާ ސަމިޓު 27 އޭޕްރީލްގައި
މިއީ ދިހަ އަހަރަށް ފަހު ދެ ކޮރެއާގެ ވެރިން ބައްދަލުކުރައްވާ ފުރަތަމަ ފަހަރު

ދެކޮރެއާ މެދުގައި ބާއްވާ މަތީ ފެންވަރުގެ މަޝްވަރާތައް މިފެށޭ އޭޕްރިލް 27 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. 

ދިހަ އަހަރަށް ފަހު އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ވެރިން ބާއްވާ ފުރަތަމަ ސަމިޓުގައި ދެގައުމުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ދެގައުމުގެ ލީޑަރުން ކަމަށްވާއިރު މި ސަމިޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ ދެކޮރެއާ ސަރައްހައްދު ވަކިކުރާ އެއްވެސް އަސްކަރީ ހިލަމެއް ނެތް ވިލެޖެއް ކަމަށްވާ ޕަންމުންޔޮމްގައެވެ. 

އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން-އުން އާއި ދެކުނު ކޮރެއާގެ ރައީސް މޫން-ޖެއި-އިންގެ ބައްދަލުވުމުގެ ތާރީޚް ކަނޑައެޅީ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ދެގައުމުގެ އޮފިޝަލުން ބޭއްވި ބައްދަލުވުމަށް ފަހުއެވެ. 

ދެކޮރެއާގެ ވެރިންގެ ބައްދަލުވާނެ ދުވަސް ކަނޑައެޅިއިރު އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން-އުން, ޗައިނާ އަށް ވަޑައިގެން ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވާފައެވެ. އެގޮތުން ޗައިނާގެ ރައީސްއާ ބައްދަލު ކުރައްވައި ދެ ކޮރެއާ ސަރަހައްދުން ނިއުކްލިއާ ހަތިޔާރު ނައްތާލަން އުތުުުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އެއްބަސްވެވަޑައިގަންނަވާ ކަމަށް ވިދާޅުވި ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން އުުތުރު ކޮރެއާގެ ރައީސް ކިމް ޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މިއަންނަ މޭ މަސް ނިމުމުގެ ކުރިން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެކުނު ކޮރެއާ މެދުވެރިކޮށް އުތުރު ކޮރެއާ އިން ރައީސް ޓްރަމްޕަށް ދެއްވި ބައްދަލުވުމުގެ ދައުވަތު ރައީސް ޓްރަމްޕް ވަނީ ޝަރުތުތަކަކާ އެކު ގަބޫލުފުޅު ކުރައްވާފައެވެ. މިއީ އެމެރިކާގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކާއި، އުތުރު ކޮރެއާގެ ލީޑަރަކާ ބައްދަލުވާނެ ފުރަތަމަ ފަހަރެވެ. 

އުތުރު ކޮރެއާ އަށް ބައިނަލްއަގްވާމީ މުޖުތަމައު އިން ތަކުރާރުކޮށް ގޮވާލަމުން ދަނީ މިސައިލްތައް ޓެސްޓްކުރުމާ އަދި ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށެވެ. އެހެންނަމަސް އުތުރު ކޮރެއާ އިން އެކަމަށް އިޖާބަދީފައެއް ނުވެއެވެ. އުތުރު ކޮރެއާގެ އަމަލުތަކުގެ ސަބަބުން އދ. އާއި އެމެރިކާ އިން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ. ބެލެވޭ ގޮތުގައި ކުރިއަށް ހުރި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ މި ފިޔަވަޅުތަކަށް ލުޔެއް ހޯދުމެވެ. ނަމަވެސް އެމެރިކާ އިން ބުނެފައި ވަނީ ސުލްހައަށް މަސައްކަތްކުރާކަން އުތުރު ކޮރެއާ އިން އަމަލުން ދައްކަންޖެހޭނެ ކަމަށެވެ. 

 

 

 

- ކޮމެންޓް