ތާލިބާނުންގެ ބަޑީގެ ހަމަލާގައި ޒަޚަމްވުމަށް ފަހު ގައުމު ދޫކޮށްދިޔަ، ނޮބެލް ސުލްހައިގެ އިނާމު ލިބިފައިވާ މަލާލާ ޔޫސުފް ޒާއީ ފުރަތަމަ ފަހަރަށް އެނބުރި ޕާކިސްތާނަށް ގޮސްފިއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މިހާރު އުމުރުން 20 އަހަރުގެ މަލާލާގެ ބޮލަށް 2012 ވަނަ އަހަރު ހަނަގުރާމަވެރިޔަކު ބަޑިޖަހާފައިވަނީ އަންހެންކުދިންގެ ތައުލީމަށް ވަކާލާތުކުރަމުން ދިއުމުންނެވެ.
ދަތުރުގެ ތަފްސީލީ މައުލޫމާތު ސަލާމަތީ ސަބަބުތަކަށްޓަކައި ސިއްރުކުރެވިފައިވާއިރު މި ދަތުރުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ޚައްޤާން އައްބާސީއާ ބައްދަލުކުރައްވާނެކަމަށް ވަނީ ބެލެވިފައެވެ.
ޕާކިސްތާނުގެ ޓީވީތަކުން ދެއްކި މަންޒަރުތަކުގައި އިސްލާމްއާބާދުގެ ބޭނަޒީރު ބުއްޓޫ އިންޓަނޭޝަނަލް އެއަރޕޯޓްގައި މަލާލާއާއި އޭނާގެ އާއިލާ ތިބިއިރު ސަލާމަތީ ކަންކަންވަނީ ވަރުގަދަ ކޮށްފައެވެ.
މި ދަތުރުގައި މަލާލާ ހަތަރު ދުވަސް ހޭދަކުރާއިރު މަލާލާ ފަންޑް ގްރޫޕްގެ އޮފިޝަލުން ވެސް ބައިވެރިވެފައިވާކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
މަލާލާގެ އާއިލާގެ އަވަށް ކަމަށްވާ ސްވާތަށް މި ދަތުރުގައި ޒިޔާރަތް ކުރާނެކަން އަދި ކަށަވަރު ކުރެވިފައެއްނުވެއެވެ.
އުމުރުން އެންމެ 11 އަހަރުގައި މަލާލާވަނީ ތާލިބާނުންގެ ބާރުގެ ދަށުގައި އޭނާ އުޅެން ޖެހުނު ގޮތް ނަންހާމަނުކޮށް ބީބީސީ އުރުދޫގައި ލިޔެފައެވެ.
އުމުރުން 15 އަހަރުގައި މަލާލާގެ ގަޔަށް ބަޑިޖަހާފައިވަނީ ސްކޫލް ބަހުގައި ހުއްޓައެވެ.
ޕާކިސްތާނުގެ ތާލިބާނުން އޭރު ބުނެފައިވަނީ ޕަޝްތުން ސަރަހައްދުގައި މަލާލާ ހުޅަނގުގެ ސަގާފަތް ފަތުރަމުންދާ ކަމަށާއި އޭނާއަކީ ހުޅަނގުގެ ވިސްނުންތަކުގެ މީހެއް ކަމަށެވެ.
ފުރާނައަށް ނުރައްކާވި އެ ހަމަލާއަށް ފަހު އޭނާގެ ސިކުނޑި ދުޅަވުމަށް ފަރުވާ ހޯދުމަށް ބޮލުގެ ނާށިގަނޑުން ބައެއްވަނީ ނަގަންޖެހިފައެވެ.
ޕާކިސްތާނުގެ އަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯދުމަށް ފަހު އިތުރު ފަރުވާއަށް އޭނާ އިނގިރޭސި ވިލާތުގެ ބަރމިންގަހަމްއަށްދިއުމަށް ފަހު އާއިލާއާއެކު ދިރިއުޅެމުން ގެންދަނީ އެ ގައުމުގައެވެ.
އެގައުމުގައި އޭލެވެލް ނިންމުމަށް ފަހު މަލާލާ މިހާރު ގެންދަނީ އޮކްސްފޯޑް ޔުނިވާސިޓީގައި ފިލޯސަފީ އާއި، ޕޮލިޓިކްސް އަދި އިކޮނޮމިކްސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުންނެވެ.