ކ. މާލެ
|
28 މާރޗް 2018 | ބުދަ 04:23
ރަޝިޔާގެ ޚާރިޖީ ވަޒީރު ލަވްރޯފް (ވ) ނޭޓޯގެ ވެރިޔާ ސްޓޮލްޓެންބަރގް (ކ) އާއިއެކު
ރަޝިޔާގެ ޚާރިޖީ ވަޒީރު ލަވްރޯފް (ވ) ނޭޓޯގެ ވެރިޔާ ސްޓޮލްޓެންބަރގް (ކ) އާއިއެކު
ނޭޓޯ
ރަޝިޔާގެ ނަރވް އެޖެންޓް ހަމަލާ
ރަޝިޔާގެ ޑިޕްލޮމެޓުން ފޮނުވާލުން: ނޭޓޯއިންވެސް ރަޝިޔާގެ މުވައްޒަފުން މަދުކޮށްފި
ރަޝިޔާއިން ދަނީ ތުހުމަތުތައް ދޮގުކުރަމުން
މިހާތަނަށް 27 ޤައުމަކުން ވަނީ ފިޔަވަޅު އަޅާފައި

އިނގިރޭސިވިލާތުގައި ރަޝިޔާގެ 2 ރައްޔިތަކަށް ނަރވް އެޖެންޓް ބޭނުންކޮށްގެން ހަމަލާދިން މައްސަލައިގައި ޔޫރަޕާއި އުތުރު އެމެރިކާގެ ޤައުމުތަކުން ރަޝިޔާގެ ޑިޕްލޮމެޓުން ބޭރުކުރަމުންދަނިކޮށް، ނޭޓޯއިންވެސް ރަޝިޔާގެ މުވައްޒަފުންގެ އަދަދު މަދުކުރަން ނިންމައިފިއެވެ.

އުތުރު އެޓްލާންޓިކްގެ އަސްކަރީ އިއްތިޙާދުކަމަށްވާ ނޭޓޯއިން ނިންމާފައިވަނީ އެޖަމާޢަތުގެ މައި އިދާރާގައި ބެލްޖިއަމްގައި މަސައްކަތްކުރާ 7 މުވައްޒަފަކު މަދުކުރުމަށެވެ. ނޭޓޯގެ ވެރިޔާ ޖެންސް ސްޓޮލްޓެންބަރގް ވިދާޅުވީ މި ފިޔަވަޅުގެ ސަބަބުން ރަޝިޔާއަށް މެސެޖެއް ލިބިގެންދާނެކަމަށެވެ. އަދި އިތުރު 3 މުވައްޒަފަކު ފޮނުވުމަށް ރަޝިޔާއިން އެދިފައިވީނަމަވެސް އެ 3 މުވައްޒަފުން ގެންނަން ހުއްދަ ނުދޭން ވަނީ ނިންމާފައެވެ. ހަަމައެއާއެކު ނޭޓޯގައި ތިބޭ ރަޝިޔާގެ މުވައްޒަފުންގެ އަދަދު 30 އިން 20 އަށް ބަދަލުކުރުމަށްވެސް ސްޓޮލްޓެންބަރގް ވަނީ ނިންމަވާފައެވެ.

ދުނިޔޭގެ އެކިޤައުމުތަކުން ރަޝިޔާއާއި ދެކޮޅަށް ޑިޕްލޮމެޓިކް ފިޔަވަޅުތައް އަޅަމުން މިދަނީ އިނގިރޭސިވިލާތުގެ ސެލިސްބަރީގައި، އިނގިރޭސިވިލާތަށް ޖާސޫސުކޮށްދިންކަމަށް ރަޝިޔާއިން ތުހުމަތުކުރާ ރަޝިޔާގެ ޖާސޫސީ އިދާރާގެ ކުރީގެ އިސް މުވައްޒަފަކާއި އޭނާގެ އަންހެން ދަރިފުޅަށް ދިން ނަރވް އެޖެންޓް ހަމަލާގެ ފަހަތުގައިވަނީ ރަޝިޔާގެ ސަރުކާރުކަމަށް އިނގިރޭސިވިލާތުން ތުހުމަތުކުރުމާއި ގުޅިގެންނެވެ. އެހެންނަމަވެސް ރަޝިޔާއިން އެ ތުހުމަތު ދޮގުކުރެއެވެ.

ހަމަލާގެ އަމާޒަކަށްވި ސަރްގޭ ސްކްރިޕާލް އާއި އޭނާގެ ދަރިފުޅު ޔޫލިއާ އަދިވެސް 'ކްރިޓިކަލް ކޮންޑިޝަން'ގައި ތިބީ ހޮސްޕިޓަލުގައެވެ.

އިނގިރޭސިވިލާތުން ރަޝިޔާގެ ޑިޕްލޮމެޓުންތަކެއް މިމައްސަލައިގައި ބޭރުކުރުމާއިއެކު، މިހާތަނަށް ޖުމްލަ 27 ޤައުމަކުން ވަނީ ރަޝިޔާގެ ޑިޕްލޮމެޓުން ބޭރުކޮށްފައެވެ. އެގޮތުން އެމެރިކާއިން ވަނީ ރަޝިޔާގެ 60 ޑިޕްލޮމެޓަކު ބޭރުކޮށްފައެވެ. އޭގެ ތެރެއިން 48 މުވައްޒަފުންނަކީ ވެރިރަށް ވޮޝިންޓަންގައި ހުންނަ ރަޝިޔާގެ އެމްބަސީގެ މުވައްޒަފުންނެވެ. ބާކީ 12 ޑިޕްލޮމެޓުންނަކީ ނިއުޔޯކްގައި ހުންނަ އދގެ އޮފީހުގައި މަސައްކަތްކުރާ ރަޝިޔާގެ މުވައްޒަފުންނެވެ. 

ރަޝިޔާގެ ޑިޕްލޮމެޓުން ބޭރުކުރަމުންދާ ގިނަ ޤައުމުތަކަކީ ވިލާތުގެ އިއްތިޙާދު ނުވަތަ ނޭޓޯ، ނުވަތަ އެ ދެޖަމާޢަތުގައިވެސް ބައިވެރިވާ ޤައުމުތަކެވެ. 

ނޭޓޯގެ ވެރިޔާ ސްޓޮލްޓެންބަރގް ވިދާޅުވީ ޤައުމުތަކުން ޑިޕްލޮމެޓުން ބޭރުކުރުމުގެ މައިގަނޑު ބޭނުމަކީ ރަޝިޔާއަށް ޖާސޫސީ މަސައްކަތްކުރުމަށް ހުރަސް އެޅުމެވެ. 

އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ރަޝިޔާގެ އަމަލުތައް ހުންނަ ގޮތުން ދުނިޔޭގެ ޤައުމުތަކުން މިހާރު ދެން ފުދިއްޖެއޭ ބުނެފިކަމަށެވެ. އަދި އިނގިރޭސިވިލާތުން އެޅި ފިޔަވަޅަށް ދުނިޔޭގެ ޤައުމުތަކުން ތަރުޙީބުދީ، އެއްބާރުލުން ދިނުމުން އެކަމަށް އިނގިރޭސީން ޝުކުރު އަދާކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ޤައުމުތަކުގެ ފިޔަވަޅުތަކަށް ރައްދު ދޭނެކަމަށް ރަޝިޔާގެ ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ވިދާޅުވީ ޤައުމުތަކުން ފިޔަވަޅު އެޅި އެމެރިކާއިން ބިރު ދައްކައިގެންކަމަށާއި، ވިލާތުގެ ޤައުމުތަކުގެ ތެރޭގައި 'މިނިވަން' ޤައުމެއް މިހާރު މަދުވެއްޖެކަމަށެވެ. އަދި ގިނަ ޤައުމުތަކުން އެންމެ ޑިޕްލޮމެޓަކު ނުވަތަ ދެތިން ޑިޕްލޮމެޓުން ބޭރުކޮށްލާއިރު، އަނެއްކޮޅުން ރަޝިޔާގެ ކިބައިން ސިއްރުން މަޢާފަށް އެދެމުންދާތީ، އެމެރިކާގެ ފިއްތުންތައް މިކަމުގައި އޮތް މިންވަރު ފެނިގެންދާކަމަށް ލަވްރޯފް ވިދާޅުވިއެވެ.

ރަޝިޔާއިން ވަނީ ޑިޕްލޮމެޓިކް ފިޔަވަޅުތަކުގެ ބަދަލު ހިފާނެކަމުގެ އިންޒާރު ދީފައެވެ. އެޤައުމުންވަނީ އިނގިރޭސިވިލާތުން އެޤައުމުގެ 23 ޑިޕްލޮމެޓަކު ނަރވް އެޖެންޓް މައްސަލައިގައި ބޭރުކޮށްލުމާއިއެކު، ރަޝިޔާގައި ތިބި އިނގިރޭސި 23 ޑިޕްލޮމެޓަކު ބޭރުކޮށް، ރަޝިޔާގެ ސެއިންޓް ޕީޓަސްބަރގްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓްވެސް ބަންދުކޮށްފައެވެ. 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް