ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 21:00
ހާދިސާ އަށް ފަހު ހިތާމަފާޅުކުުރުމުގެ ތެރެއިން
ހާދިސާ އަށް ފަހު ހިތާމަފާޅުކުުރުމުގެ ތެރެއިން
އޭޕީ
ރަަޝިއާ
ރަޝިއާގެ ޝޮޕިން ކޮމްޕްލެކްސްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އޮފިޝަލުންނާ ދެކޮޅަށް މުޒާހަރާ ކުރަނީ
އަލިފާން ނިއްވުމަށް 17 ގަޑިއިރު ހޭދަވި
އެއްވި މީހުން ގޮވަމުން ދިޔައީ އޮފިޝަލުންގެ އިސްތިއުފާ އަށް

ރަޝިއާގެ ބައެއްގެ ގޮތުގައި ބަލާ ސައިބީރިޔާގެ ބޯޓް ދެލި ނަގާ ސަރަހައްދެއް ކަމަށްވާ ކެމެރޯވޯ ސިޓީގެ މޯލެއްގައި އާދީއްތަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ ސިޓީގައި އެތައް ހާސްބަޔަކު ރަޝިއާގެ އޮފިޝަލުންނާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފިއެވެ. 

ގިނަ އަދަދެއްގެ ކުޑަކުދިންނާ އެކު ޖުމްލަ 64 މީހުން މަރުވި މިހާދިސާގައި މަރުވި ފަރާތްތަކުގެ ތެރޭގައި 41 ކުޑަކުދިން ހިމެނޭއިރު އަންގާރަ ދުވަހު ރަޝިއާގެ ރައީސް ވްލްޑީމިއާ ޕޫޓިން، ކެމެރޯވޯ އަށް ވަޑައިގެން ވިދާޅުވީ އާދީއްތަ ދުވަހުގެ ހާދިސާ ހިނގަން މެދުވެރިވީ ބަޔަކު "އިހުމާލުވުމުގެ ސަބަބުން" ކަމަށެވެ. 

ގެއްލުނު މީހުންގެ އާއިލާތަކާ ހަވާލާދީ ރަޝިއާގެ އިންޓަފެކްސް ނިއުސް އެޖެންސީން ބުނީ އަދިވެސް 85 މީހުން ނުފެންނަ ކަމަށާއި އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށެވެ. 

ހާދިސާ ތަހުގީގު ކުރާ ފަރާތްތަކުން ބުނަމުން ދަނީ އަލިފާން ރޯވި މޯލްގައި ހުރި ފަޔާ އެލާމް ސިސްޓަމް ހާދިސާ ހިނގި ވަގުތު މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. 

އަލިފާނުގެ ހާދިސާއާ ގުޅިގެން ކެމެރޯވޯގައި އެ ސިޓީގެ އޮފިޝަލުންނާ ދެކޮޅަށް ކުރި މުޒާހާރާގައި އާންމުން ގޮވަމުން ދިޔައީ އަލިފާން ރޯވި އިމާރާތުގެ ސަލާމަތީ ކަންކަން އެކަށީގެންވާ މިންވަރަށް ގާއިމުކޮށްފައި ނެތް ކަމަށާއި، ކަމާބެހޭ އޮފިޝަލުން މަގާމުން ވަކިކުރަން ޖެހޭ ކަމަށެވެ. އަދި ބައެއް މީހުން ރަޝިއާގެ ރައީސްގެ އިސްތިއުފާ އަށް ވެސް ދިޔައީ ގޮވަމުންނެވެ. 

ވިންޓަރ ޗެރީ ކޮމްޕްލެކްސްގެ އެންމެ މަތީ ފްލޯގައި އަލިފާން ރޯވި މި ހާދިސާގައި މަރުވި ގިނަ މީހުންނަކީ ސިނަމާގައި ތިބި މީހުންނެވެ. ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާނުން ސަލާމަތްވުމަށް ކުޑަދޮރުތަކުން މީހުން ފުންމާލާތަން ފެނެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް