ރަޝިއާގެ ކުރީގެ ޖާސޫސެއް ކަމަށްވާ ސަރްގޭ ސްކްރިޕާލް އަށް އިނގިރޭސިވިލާތުގެ ސެލިސްބަރީގައި ދިން ނަރވް އެޖެންޓް ހަމަލާގެ ރައްދުގައި، ރަޝިއާގައި ބާއްވާ ވަރލްޑްކަޕަށް އޮފިޝަލުން ފޮނުވުމާ މެދު ނުވަތަ މުބާރާތަށް ނުދިއުމާ މެދު ހަ ގައުމަކުން ވިސްނަމުންދާ ކަމަށް އެ ގައުމުތަކުން ބުނެފިއެވެ.
މާޗް މަހުގެ މެދުތެރޭގައި އިނގިރޭސިވިލާތުން ވަނީ ފީފާ ވަރލްޑް ކަޕްގައި އެގައުމުގެ ޝާހީ ބޭފުޅުން އަދި ވަޒީރުން ބައިވެރިވެ ވަޑައިނުގަންނަވާނެކަން ހާމަކުރައްވާފައެވެ.
އައިސްލޭންޑުން ހޯމަ ދުވަހުވަހުގެ ރޭ ވަނީ އެ ގައުމުން ވެސް ބައިވެރިނުވާން ވިސްނާފައި ވާކަމަށް ބުނެފައެވެ. މީގެ އިތުރުން ޑެންމާކް، އޮސްޓްރޭލިޔާ އަދި ޖަޕާނުން ވެސް އެފަދަ ފިޔަވަޅެއް އެޅުމާ މެދު ވިސްނަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޕޮލޭންޑްގެ ރައީސް އަންދްޒެއި ދޫދަގެ އޮފީހުން މި މަހުގެ ކުރީކޮޅު ބުނެފައި ވަނީ ޖޫން މަހުގެ 14 އިން ޖުލައިމަހުގެ 15 އަށް މޮސްކޯގައި ބާއްވާ ވަރލްކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ.
އިނގިރޭސިވިލާތާއި ރަޝިއާގެ ގުޅުން ގޯސްވީ ޖާސޫސްކޮށްދިން ކަމަށް ބުނާ ރަޝިޔާގެ ރައްޔިތަކާއި އޭނާގެ އަންހެން ދަރިފުޅު މާޗް މަހުގެ ކުރީކޮޅު އިނގިރޭސިވިލާތުގެ ލަންޑަންގެ ސެލިސްބަރީގައި މަރާލުމަށް ކުރެވުނު މަސައްކަތާ ގުޅިގެންނެވެ. އިނގިރޭސި ފުލުހުން ބުނާ ގޮތުގައި އެދެބަފައިންނަށް ހަމަލާދީފައި ވަނީ ރަޝިޔާގައި އުފައްދާ ނަރވް އެޖެންޓް ބޭނުންކޮށްގެންނެވެ. އަދި އޭގެ ހަފްތާއެއް ފަހުން ލަންޑަންގައި ހުރި ރަޝިޔާގެ އެހެން ވިޔަފާރިވެރިއަކަށް ހަމަލާދީ މަރާލާފައިވެއެވެ.
އިނގިރޭސި ވިލާތާ އެއްބައިވަންތަކަން ހާމަ ކުރުމުގެ ގޮތުން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ވަނީ އެ ގައުމުތަކުގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން އަނބުރާ ފޮނުވާލަން ވެސް ފަށާފައެވެ.
އެމެރިކާއިން އެކަނިވެސް ރަޝިއާގެ 60 ޑިޕްލޮމޭޓުން ފޮނުވާލާފައިވާއިރު ޔޫރަޕްގެ ގައުމުތަކުންސް 33 އަށް ވުރެ ގިނަ ޑިޕްލޮމޭޓުން އަނބުރާ ފޮނުވާލާފައިވެއެވެ.