ކުރިން ސިނިގިރޭޓް ގިނަ އަދަދަކަށް އެތެރެ ކުރުމުގެ ސަބަބުން ފެބްރުއަރީ މަހުގެ އާމްދަނީ ދަށަށް ހިނގައްޖެއެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު ހުސްވި ފެބްރުއަރީ މަހު 20 އިންސައްތަ ދަށަށް ގޮސްފައެވެ. 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަ މަހު ލިބުނު އަދަދު ދަށްވެފައިވަނީ ސިނގިރޭޓްގެ ޑިއުޓީއަށް މިދިޔަ އަހަރުގެ މާރޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން ގެނެވުނު ބަދަލުގެ ކުރިން ބޮންޑެޑް ވެއަރހައުސްގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓަށް ޑިއުޓީ ކްލިއަރ ކޮށްފައިވާތީއެވެ. މިއަހަރުގެ ފެބްރުއަރީ މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 257 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލިބިފައިވަނީ 323 މިލިއަން ރުފިޔާއެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އެތެރެ ކުރި މުދަލުގެ އަގު 3.85 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެތެރެ ކުރި މުދަލާ އަޅާބަލާއިރު 26 ޕަސަންޓުގެ އިތުރުވުމެކެވެ.
އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 19 ޕަސަންޓު ސިންގަޕޫރުން އެތެރެކޮށްފައިވާއިރު، މެލޭޝިއާ އިން 15 ޕަސަންޓު އަދި ޗައިނާ އިން 12 ޕަސަންޓު މުދާ ވަނީ އެތެރެކޮށްފައެވެ.
ފާއިތުވި ފެބްރުއަރީ މަހު ދިވެހިރާއްޖެ އިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 20 އިންސައްތަ ދަށަށްގޮސްފައެވެ. 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު 299 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާއިރު، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު ވަނީ 240 މިލިއަން ރުފިޔާ އަށް ދަށްވެފައެވެ.
ދިވެހިރާއްޖެ އިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތައް ކަމަށްވާއިރު މިދިޔަ ފެބްރުއަރީ މަހު އެކްސްޕޯޓްކުރި މުދަލުގެ 50 ޕަސަންޓް ތައިލެންޑަށް އެކްސްޕޯޓް ކޮށްފައިވާއިރު، 10 ޕަސަންޓް އެކްސްޕޯޓް ކޮށްފައިވަނީ އެމެރިކާ އަށެވެ. އަދި އިނގިރޭސިވިލާތަށް 9 ޕަސަންޓް ޖަރުމަނުވިލާތަށް 8 ޕަސަންޓް އެކްސްޕޯޓް ކޮށްފައިވާއިރު، ފަރަންސޭސްވިލާތަށް 7 ޕަސަންޓް އެކްސްޕޯޓް ކޮށްފައިވެއެވެ.