ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 12:25
ޕޯލް މެކާޓްނީ
ޕޯލް މެކާޓްނީ
ގެޓީ އިމޭޖަސް
މާޗް ފޯ އަވަރ ލައިވްސް
'މާޗް ފޯ އަވަރ ލައިވްސް'ގައި ބައިވެރިވީ ގާތް އެކުވެރިޔާ ޖޯން ލެނަންގެ ހަނދާނުގައި
 
ބީޓްލްސްގެ ޖޯން ލެނަން މަރާލާފައި ވަނީ ބަޑީގެ ހަމަލާއެއްގައި
 
"މާޗް ފޯ އަވަރ ލައިވްސް"އަކީ ހަތިޔާރު ވިއްކުމާއި ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތެއް
 
ހިނގާލުން ކުރިއަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހު

ދަރިވަރުންތަކެއް އިންތިޒާމް ކޮށްގެން އެެެމެރިކާގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ހިނގާލުން "މާޗް ފޯ އަވަރ ލައިވްސް" ގައި ހޮލީވުޑްގެ ގިނަ ތަރިންތަކެއް ބައިވެރިވެފައިވާއިރު، އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑް، "ބީޓްލްސް"ގެ ޕޯލް މެކާޓްނީ ވެސް ވަނީ މި ހިނގާލުމުގައި ބައިވެރިވެފައެވެ.

ބަޑި ފަދަ ހަތިޔާރާއި ދެކޮޅަށް ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ބައިވެރިވަމުން ދިން އިންޓަވިއުއެއްގައި ޕޯލް ބުނީ، އޭނާގެ ހިނގާލުމުގައި ބައިވެރިވީ އެކުވެރިޔާ ޖޯން ލެނަން އަށް ޓްރިބިއުޓެއްގެ ގޮތުގައެވެ. ލެނަން އަކީ ވެސް ބީޓްލްސްގެ މެމްބަރެކެވެ.

ލެނަން އަކީ ބަޑީގެ ހަމަލާތަކުގައި ދުނިޔެ ދޫކޮށްފައިވާ ހޮލީވުޑްގެ ގިނަ ތަރިންގެ ތެރެއިން އެކަކެވެ. ލެނަން، އޭނާގެ ނިއު ޔޯކްގެ މެންހަޓަން އެޕާޓްމަންޓްގެ ބޭރުގައި ހުއްޓާ ބަޑިން ހަމަލާދީ މަރާލާފައި ވަނީ 1980 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ހޮނިހިރު ދުވަހު ބޭއްވި ހިނގާލުމުގައި ވާހަކަ ދައްކަމުން ޕޯލް ބުނީ، "އަހަރެންގެ އެންމެ ގާތް އެއް އެކުވެރިޔާގެ ގަޔަށް ބަޑި ޖަހާ މަރާލާފައި ވަނީ މިތާ ކައިރީ، އެހެންކަމުން މިއީ އަހަންނަށް ވަރަށް މުހިންމު ކަމެއް" ކަމަށެވެ.

"މާޗް ފޯ އަވަރ ލައިވްސް" ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ، ފްލޮރިޑާގެ ޕާކްލޭންޑްގެ ސްކޫލެއް ކަމަށްވާ 'ސްޓޯންމަން ޑަގްލަސް ހައި ސްކޫލް' ގައި ފެބްރުއަރީ 14 ގައި ހިނގައިދިޔަ ބަޑީގެ ހަމަލާއަށް ފަހު، އެ ސްކޫލްގެ ދަރިވަރުންނެވެ. 1999 ވަނަ އަހަރު ކޮލޮރާޑޯގެ ކޮލަމްބައިން ހައި ސްކޫލްގައި ހިނގައިދިޔަ ހަމަލާގައި 13 ކުދިން މަރުވެފައިވާއިރު، އެއަށް ފަހު މިފަދަ ހަމަލާތަކުގައި 187،000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ މަރުވެފައެވެ.

ހޮނިހިރު ދުވަހުގެ ހިނގާލުމުގައި ބައިވެރިވި ތަރިންގެ ތެރޭގައި ކިމް ކާޑޭޝިއަން، ކާންޔޭ ވެސްޓް، ޖޯޖް އަދި އަމާލް ކްލޫނީ، ކެންޑަލް ޖެނަރ، ސެލީނާ ގޮމެޒް، މައިލީ ސައިރަސް، އަރިއާނާ ގްރާންޑޭ، ޖިމީ ފެލޮން ފަދަ ތަރިން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
0%
0%
0%
0%
0%
ކޮމެންޓް