ކ. މާލެ
|
26 މާރޗް 2018 | ހޯމަ 22:40
މިހާރު ހައްޔަރުކޮށްފައި ތިބި ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު: އެ ބޭފުޅުންގެ ބަންދުން އެތައް ބައިވަރު ފިލާވަޅެއް ލިބިދޭ
މިހާރު ހައްޔަރުކޮށްފައި ތިބި ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު: އެ ބޭފުޅުންގެ ބަންދުން އެތައް ބައިވަރު ފިލާވަޅެއް ލިބިދޭ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ބަންދުގައި މިހާރު ތިބި މީހުން، މިހާރު ބާރުގައި ތިބި މީހުނަށް ފިލާވަޅަކަށް ނުވޭތަ؟
ކުރީގެ ދެ ޕޮލިސް ކޮމިޝަނަރު ތިއްބެވީ ޖަލުގައި
މި ސަރުކާރުގެ ޑިފެންސް މިނިސްޓަރަކު ހުންނެވީ ޖަލުގައި، އެންމެ ބާރުގަދަކޮށް އުޅުއްވި ނައިބު ރައީސް ހުންނެވީ ޖަލުގައި
ރައީސް މައުމޫނާއި ދަރިކަލުން ފާރިސް ހުންނެވީ ޖަލުގައި

މިއަދު ކުޑަގޮޅީގައި ހައްޔަރުކޮށްފައި ތިބި މީހުންނަކީ އާދައިގެ ބައެއް ނޫނެވެ. ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައި ތިބި ބޭފުޅުންނާއި އަދިވެސް ބައެއް މަގާމުތަކުގައި ތިއްބެވި އިއްޒަތްތެރި ބޭފުޅުން އޭގެ ތެރޭގައި އެބަ ހިމެނެއެވެ. އެ ބޭފުޅުންނަކީ އެއް އިރެއްގައި ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ހިމާޔަތްކޮށްދެއްވި، އަދި އެމަނިކުފާނު ނުހަނު އިތުބާރު ކުރެއްވި ބޭފުޅުންނެވެ.

އެ ބޭފުޅުން ކުޑަ ގޮޅީގައި ތިއްބަވައިގެން އަނިޔާވެރި ހިތްދަތި ވަގުތުތައް މިއަދު ހޭދަ ކުރަމުންދާއިރު އެއިން އެތައް ހާސް ވާހަކައެއް އެބަ ބުނެދެއެވެ. އެކި މީހުނަށް އެކި ފިލާވަޅުތައް އެބަ ނަގައިދެއެވެ. ހައްޔަރު ކޮށްފައި ތިބި ބޭފުޅުން މިހާރު ތަހައްމަލު ކުރާ ވޭނާއި ހިތާމައިން ފިލާވަޅު ލިބިގަންނަންވީ ބަޔަކީ ރައީސް އަބްދުﷲ ޔާމިންގެ ކޮންމެ އެންގުމަކަށް ތަބާވެގެން މިހާރު އެ ތިއްބަވާ ބޭފުޅުންނެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރ އަރީފު: އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައި 

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ކުރީގެ ޕޮލިސް ކޮމިޝަރު އަރީފާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި މިހާރުގެ ވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަކީ މީގެ މާ ދުރުނޫން މާޒީއެއްގައި ރައީސް އަބްދުﷲ ޔާމީން މާހިތްޕުޅާވި ބޭފުޅުންނެވެ. މިހާރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް ފުލުހުން ބޭނުން ކޮށްގެން އެއްވެސް ހަމައެއް ނެތި މީހުން ހައްޔަރު ކުރަމުން ގެންދާއިރު ކުރީގެ ޕޮލިސް ކޮމިޝަނަރު އަރީފް ވެސް މީގެ ކުރިން ހަމަ ތިޔަހެން އުޅުއްވިކަން ހަނދާނަށް ގެންނަވަން ޖެހެއެވެ. އަދި ރައީސް އޮފީހަށް ގެންދަވައިގެން މާ އިތުބާރުކުރައްވާ ކަމަށް ދައްކަވަން މަސައްކަތް ކުރެއްވި ނަމަވެސް އެއީ ކުޑަ ވަގުތުކޮޅަކަށް ބޭނުން ކޮށްލަން ދައްކާލާ ދަޅައެއްކަން އެހެން ބޭފުޅުންނަށްވީ ގޮތް އެ އޮތީ ފެންނާށެވެ. ނަވާޒު ވެސް އޮތީ އަމިއްލަ ފުޅަށް އިސްތިއުފާދެއްވައި ވަޑައިގަތުމެވެ. ނޫނީ މާ ލަސްތަކެއްނުވެ ކުޑަގޮޅި ދެކެން ޖެހިދާނެއެވެ.  

ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމާއި ޑިފެންސް މިނިސްޓަރު ޝަރީފު 

ރައީސް އަބްދުﷲ ޔާމިން އެންމެ އިތުބާރު ކުރައްވައިގެން ޑިފެންސް މިނިސްޓަރު ކަމަށް ގެންނެވި މުހައްމަދު ނާޒިމާއި އޭގެ ފަހުން އެ މަގާމަށް ގެންނެވި މޫސާ އަލީ ޖަލީލަށް ވީ ގޮތް މިހާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް މާ ބޮޑަށް އެނގިވަޑައިގަންނަވާނެއެވެ. ރައީސް އަބްދުﷲ ޔާމިންގެ އިތުބާރު ހޯދިދާނެ ކަމަށް އާދަމް ޝަރީފު ހީކުރުމަކީ ވެސް މޮޔަ ކަމެއްކަން އޭގެ ކުރިން ތިއްބެވި ޑިފެންސް މިނިސްޓަރުންނަށްވީ ގޮތުން އެނގޭނެއެވެ. އެ ގޮތްވާން ބޭނުން ނުވެގެން ގާނޫނާ ހިލާފަށް ސިފައިން ބޭނުންކޮށްގެން ކުރައްވާ ކަންތައްކުން ރައީސް ޔާމިން ހިތްހަމަ ޖެއްސެވި ގާނޫނު ހިނގާ ދުވަހެއްގައި ރައީސް ޔާމިން ވަޑައިގެން އާދަމް ޝަރީފު ސަލާމަތްކޮށްދޭން މަސައްކަތް ނުކުރައްވާނެ ކަން މިއަދު ޔަގީން ކުރައްވަން ވާނެއެވެ.

ހޯމަ މިނިސްޓަރު އަޒްލީނަކަސް އެހެން ބޭފުޅަކަސް ހަމަ މި ވިސްނުމުން ވިސްނާ ވަޑައިގެންފި ނަމަ އޮތް ރައްކާތެރި ގޮތަކީ ގާނޫނާ ހިލާފު އަމުރަށް ތަބާވެ ރައީސް އަބްދުﷲ ޔާމިންގެ ރުހުން ހޯދުމަށް ވުރެ މަގާމު ދޫކުރައްވައި ވަޑައިގަތުން ކަމަށް އެނގެއެވެ. ރައީސް މައުމޫނާއި އަހްމަދު ފާރިސް އާއި ނަދީމް ހައްޔަރުކޮށް ދެމުންދާ އަނިޔާއަކީ އާއިލާ ބޭފުޅަކުވިސް ރައީސް ޔާމިނަށް ސަނާ ނުކިޔައިފި ނަމަ ވާނެ ގޮތްކަން އެ އޮތީ ފެންނާށެވެ. ކުރުކޮށް ބުނާ ނަމަ ހައްޔަރުކޮށްފައި ތިބި މީހުންނާ މެދު އަމަލު ކުރަމުންދާ ގޮތަކީ މިހާރު މަގާމުތަކުގައި ތިބި މީހުންނަށް ދޭ އިންޒަރެކެވެ. އެހެން ނަމަވެސް ވިސްނާ ބަޔަކަށް ނޫނީ އެކަމެއް ނޭނގޭނެއެވެ. 

- ކޮމެންޓް