ދުނިޔޭގެ އެންމެ ބޮޑު އެއް ތަރިކަމަށްވާ އެމެރިކާގެ ވިލް ސްމިތަކީ އެކުވެރި މިޒާޖެއްގެ މީހެކެވެ. ފޭނުންނާވެސް މުއާމަލާތްކޮށް އުޅެނީ ގާތް އެކުވެރިންތަކެއް ފަދައިންނެވެ.
އޭނާގެ ވާހަކަތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ވާހަކައަކީ ކާރުން ޕެޓްރޯލް ހުސްވެގެން ފޭނެއްގެ ފަރާތުން އެހީއަށް އެދެން ޖެހުނު ވާހަކައެވެ. އަނބިމީހާ ޖޭޑާ ޕިންކެޓް ސްމިތު މިފަދަ ވާހަކަތައް ދައްކާ ހިތް ނުވިނަމަވެސް ވިލް ދަނީ މި ވާހަކަތައް އެކި ޝޯވތަކުގައި ކިޔާ ދެމުންނެވެ.
ވިލްގެ އެކުވެރި މިޒާޖުގެ ސަބަބުން އޭނާގެ ފޭނުން ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. ފްރެޝް ޕްރިންސް އޮފް ބެލް އެއާ ކިޔާ ސީރީޒަކުން މަޝްހޫރުވެގެން ދިޔަ ވިލް ސްމިތަކީ މިހާރު ހޮލީވުޑްގެ އެންމެ ވަރުގަދަ ފިލްމް ތަކުގެ ލީޑް ރޯލްތަކުން ފެނިގެންދާ ތަރިއެކެވެ.
'މެން އިން ބްލެކް'، 'ޕަރސޫޓް އޮފް ހެޕީނަސް'، 'ސެވަން ޕައުންޑްސް'، އަދި ފިލްމް 'އަލީ'ގައި މަޝްހޫރު ބޮކްސިންގ ޗެމްޕިއަން މުހައްމަދު އަލީގެ ރޯލްވެސް އޭނާ ވަނީ ކުޅެފައެވެ. މީގެ އިތުރުން، 'އަލީ' އާއި 'ޕަރސޫޓް އޮފް ހެޕީނަސް'އަށް އޭނާވަނީ އެކަޑަމީ އެވޯޑަށްވެސް ނޮމިނޭޓް ވެފައެވެ.
އެކްޓަރެއްގެ އިތުރުން ވިލް ސްމިތަކީ މަޝްހޫރު ރެޕް އާޓިސްޓެއްވެސް މެއެވެ. "ސްވިޗް" އަދި "މައާމީ" ފަދަ ލަވަތައް ކިޔާފައިވާ ވިލް ނިމިގެންދިޔަ ހަފްތާ ބަންދު ހޭދަ ކުރީ ފްލޮރިޑާގެ މައާމީގައެވެ. އެހެންކަމުން އޭނާގެ މަޝްހޫރު ލަވަ ކިޔާ ނުލާ އެތަނުން ދިޔުމަކީ ވާނެކަމެއް ނޫނެވެ.
ވިލް މައާމީގައި އުޅުނު އިރު އަލްޓްރާ މިއުޒިކް ފެސްޓިވަލް 2018 އެތަނުގައި ކުރިއަށް ދިޔައެވެ. ޑީޖޭ މާޝްމެލޯގެ ހުށަހެޅުމުގެ ތެރޭގައި "ސަޕްރައިޒް" ގެސްޓެއް އިއުލާން ކުރިއިރު އެއީ ވިލް ސްމިތެވެ. އަދި އަލްޓްރާ މިއުޒިކް ފެސްޓިވަލް 2018 ބަލަން ދިޔަ ފަރާތްތަކުގެ ވިލްގެ 1997ގެ ލަވަ "މައާމީ"ގެ ހާއްސަ ހުށަހެޅުމެއް ފެނިގެންދިޔައެވެ.
މީގެ އިތުރުން، މައާމީގައި އުޅެނިކޮށް މަޝްހޫރު ލަވަކިޔުންތެރިޔާ މާކް އެންތަނީއާ ވިލްއާ ދިމާވިއެވެ. މި ބައްދަލުވުމުގެ ވީޑިއޯއެއް ވިލްވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ޝެއާކޮށްފައެވެ. ދެ މީހުން ޔޮޓެއްގައި ސަލްސާއަށް ނަށާ މަންޒަރު ފެންނަ މި ވީޑިއޯ ނުވަ މިލިއަނަށް ވުރެ ގިނަ ފަހަރު ވަނީ ވިއުކޮށްފައެވެ.
ވިލް ސްމިތު އިންސްޓަގްރާމް އެކައުންޓެއް ހަދާފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހެވެ. އަދި މިވަގުތު 13 މިލިއަނަށް ވުރެ ގިނަ މީހުންދަނީ އޭނާގެ އެކައުންޓް ފޮލޯ ކުރަމުންނެވެ.