ހޮލީވޫޑްގެ މަޝްހޫރު ތަރި ބްރެޑް ޕިޓާއި ޖެނިފަރ އެނިސްޓަންގެ ލޯބީގެ ވާހަކައަކީ 90ގެ އަހަރުތަކުގައި ބޮޑެތިވި ގިނަ ކުދިންނަށް އެނގޭނެ ވާހަކައެކެވެ.
ހޮލީވުޑްގެ މަޝްހޫރު ހާޓްތްރޮބާއި ފްރެންޑްސް ޝޯވއިން މަޝްހޫރުވި "އެމެރިކާސް ސްވީޓްހާޓް" ކައިވެނި ކުރީ 2000 ވަނަ އަހަރެވެ. އަދި މި ދެ މީހުން ހޮލީވުޑްގެ "އިޓް ކަޕްލް"އަށްވެ، ޕަޕަރާޒީ އެ މީހުން އަޅާ ހުރިހާ ފިޔަވަޅެއް ނަގަން ފެށިއެވެ. ނަމަވެސް، 2005 ވަނަ އަހަރު ދެ މީހުންގެ ކައިވެނި ރޫޅިގެން ދިޔައީ ބްރެޑްގެ "މިސްޓަރ އެންޑް މިސިސް ސްމިތް" ފިލްމަށް ފަހުއެވެ. މި ފިލްމްގެ މައި ރޯލްގައި ފެންނަނީ ބްރެޑް ޕިޓާއި މަޝްހޫރު ތަރި އެންޖެލީނާ ޖޯލީއެވެ. ފިލްމްގެ ޝޫޓިންގގެ ތެރޭގައި ޖެނިފަރ އާއި ބްރެޑްގެ ކައިވެނީގައި މައްސަލަތަކެއް އުޅޭ ވާހަކަ ފެތުރެން ފެށިއެވެ. އަދި އެއީ އެންޖެލީނާގެ ސަބަބުން ކަމަށް ރިޕޯޓްތައް ފެތުރުނު ނަމަވެސް، ދެ މީހުން ވެސް އެ ވާހަކަތެއް ދޮގުކުރިއެވެ.
ޖެނިފަރ އާއި ބްރެޑް 2005 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަކިވާން ނިންމިއިރު، އެ އަހަރުގެ އޭޕްރިލް މަހު އެންޖެލީނާގެ ދަރިފުޅު މެޑޮކްސްއާ އެކު އެންޖެލީނާ އާއި ބްރެޑް، ކެންޔާއަށް ދަތުރުކުރިއެވެ.
އެހާ ހިސާބުން "ޓީމް އެނިސްޓަން" އާއި "ޓީމް ޖޯލީ" އެފެދުނެވެ. އަދި ދެ ތަރިންގެ ފޭނުން "އުމުރަށް" ޓީމެއް ނަގައި، ވޭތުވެދިޔަ އަހަރުތައް ހޭދަ ކުރީ އެއް ބަޔަކު އަނެއް ބަޔަކަށް ނަފްރަތުކުރުމުގައެވެ. ހޮލީވުޑްގެ އެވޯޑް ޝޯވތަކުން ޖެނިފަރ އާއި އެންޖެލީނާ ބައްދަލުވޭތޯ އަދި ކަންތައް ކުރަނީ ކިހިނެއްތޯ ބަލަމުންނެވެ.
ދިހަ އަހަރަށް ވުރެ ގިނަ ދުވަސް އެކުގައި އުޅުމަށް ފަހު އެންޖެލީނާ އާއި ބްރެޑް ވަރިވެފައި ވަނީ 2016 ވަނަ އަހަރެވެ. ޖެނިފަރ ވެސް އެހެން މީހުންނާ ރަށްޓެހިވެފައިވާއިރު، އޭނާ އާއި ފިރިމީހާ ޖަސްޓިން ތަރޯ ވަރިވެފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހެވެ.
ދެން، މި ހަފްތާ ކުރީ ކޮޅު ފެތުރުނު ޚަބަރަކީ ޖެނިފަރ އާއި ބްރެޑް އަނެއްކާ ވެސް "ވާހަކަ ދައްކަން" ފެށި ވާހަކައެވެ. މި ވާހަކަ މިކަަމާ ގުޅުން ހުރި އެއްވެސް ފަރާތެއް ކަށަވަރުކޮށްދީފައި ނުވާއިރު، ޚަބަރު ވެގެން ދިޔައީ ޖެނިފަރގެ ފޭނުންނަށް ޝޮަކަކަށެވެ. ބައެއް ފޭނުން ތިބީ މި ދުވަހުގެ އިންތިޒާރުގައެވެ.
'ހޮލީވުޑް ލައިފް' އިން ރިޕޯޓްކުރާ ގޮތުގައި މިއީ ބްރެޑްގެ ބެސްޓް ފްރެންޑް، މަޝްހޫރު އެކްޓަރ ޖޯޖް ކްލޫނީގެ ޕްލޭނެކެވެ. އަދި ދެ މީހުން ބައްދަލުވާން ރޭވީ ވެސް އޭނާ ކަމަށް ހޮލީވުޑް ލައިފް އިން ރިޕޯޓްކޮށްފައިވެއެވެ.
ބްރެޑާއި ޖެނިފަރގެ ގާތް އެކުވެރިއަކަށް ހަވާލާދީ އެ އޮންލައިން ނޫހުން ރިޕޯޓްކުރާ ގޮތުގައި އެ ބައްދަލުވުމުގައި ދެ މީހުން ކުރީގެ ހަނދާންތައް އާކުރިއެވެ. އަދި ދެ މީހުންގެ ގުޅުން އަދިވެސް ރަނގަޅުކަން ދެމީހުންނަށް އެނގިގެން ދިޔަ ކަމަށް ވެއެވެ.
މީގެ އިތުރުން، ޖެނިފަރ އާއި ބްރެޑް އަލުން ވާހަކަދައްކަން ފެށުމުން އެންމެ އުފާވީ ބްރެޑްގެ މަންމަ ކަމަށް ހޮލީވުޑް ލައިފް އިން ރިޕޯޓްކޮށްފައި ވެއެވެ.