ސެމްސޮން ގެލެކްސީގެ އެންމެ ފަހުގެ މޮޑެލް ކަމުގައިވާ ގެލެކްސީ އެސް9 އަދި އެސް9 ޕްލަސްގެ ފޯނު ދިރާގުން ލޯންޗުކޮށްފިއެވެ.
ހުކުރު ދުވަހުގެރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފޯނުތައް ލޯންޗުކޮށްދެއްވީ ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) ރޮބިން ވޯލް އާއި ސެމްސޮން އޭޝިއާގެ މެނޭޖިން ޑިރެކްޓަރު ހަންބޭ ޕާކްއެވެ.
ދިރާގުން ބުނީ ސެމްސޮންގެ އެންމެ ފަހުގެ ފޯނު ދިރާގުން ރާއްޖެއަށް އެންމެ ފުރަތަމަ ތަޢާރުފުކޮށް ވިއްކުމުގެ ފުރުސަތު ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ދިރާގުން ވަނީ މި ދެ ފޯނުވެސް އިންސްޓޯލްމަންޓަށް ވިއްކަން ނިންމާފައެވެ. އަދި ފޯނު ގަންނަ ކަސްޓަމަރުންނަށް ހަ މަސް ވަންދެން ފަސް ޖީބީ ޑާޓާ އެލަވަންސެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
ސެމްސޮން ގެލެކްސީގެ ފަހުގެ މޮޑަލް ބާޒާރަށް ނެރެފައިވަނީ ފެބްރުއަރީ 25 ވަނަ ދުވަހު ބަސެލޯނާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މޮބައިލް ހެޑް ޑޮންގޖިން ކޯއެވެ.
މި ސީރީޒްގައި ދެ ފޯން ނެރެފައިވާއިރު އެއީ 5.8 އިންޗީގެ އެސް 9 އާއި 6.2 އިންޗީގެ އެސް 9 ޕްލަސްއެވެ. ސެމްސޮން އިން ނެރެފައިވާ އެސް 8 އާއި މިފޯނާއި މާބޮޑު ތަފާތެއް ނެތް ނަމަވެސް ކެމެރާގެ ކަނާތް ފަރާތުގައި އިންނަ ފިންގާ ޕްރިންޓް ސްކޭނާ، މި ފޯނުގައި ވަނީ ކެމެރާގެ ތިރިއަށް ޖައްސާފައެވެ.
މިފޯނުގެ ފޭޝަލް ރިކޮގްނިޝަން ފީޗާ އިން ލޮލުގެ އައިރިސް ސްކޭން ކުރެވޭނެއެވެ. އެސް 9 ގައި އެއް ކެމެރާ ހުންނައިރު އެސް 9 ޕްލަސްގެ ފަހަތުގައި ނޯޓް 8 ގައި ހުންނަ ފަދައިން ދެ ކެމެރާ ހުރެއެވެ. އަދި އެސް 9 ލޯންޗު ކޮށްފައިވަނީ އެންޑްރޮއިޑް އޯރިއޯ އޮޕަރޭޓިންގ ސިސްޓަމާއެކުގައެވެ.
64 ޖީބީގެ ސްޓޯރޭޖުގެ މިފޯނުގައި މައިކްރޯ އެސްޑީ ކާޑުގެ ސްލޮޓެއްވެސް ވަނީ ހިމަނާފައެވެ.