އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ޠާލިބާން ހަނގުރާމަވެރިންނަށް ރަޝިޔާއިން މަދަދުވެރިވާ ކަމަށާއި، ހަތިޔާރު ފޯރުކޮށްދޭ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފިއެވެ.
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ގުޅިފައިވާ ބައިނަލްއަޤްވާމީ ފައުޖުގެ އެންމެ އިސްވެރިޔާ ޖެނެރަލް ޖޯން ނިކޮލްސަން ބީބީސީއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް ރަޝިޔާއިން މަސައްކަތްކުރަމުންދާ ކަމަށެވެ. ޖެނެރަލް ނިކޮލްސަން ތުހުމަތުކުރައްވާ ގޮތުގައި ރަޝިޔާ އިން ތާލިބާނުންނަށް ހަތިޔާރު އެތެރެކޮށްދެނީ އަފްޣާނިސްތާނާއި ތަޖިކިސްތާން ގުޅޭ ސަރަހައްދީ އިން ހުރަސްކޮށެވެ. އެހެން ނަމަވެސް އެތުހުމަތުތަކަށް ރަޝިޔާއިން އިންކާރު ކުރެއެވެ.
އެެމެރިކާއިން ބުނާ ގޮތުގައި ތަޖިކިސްތާނުގައި ސަރަހައްދީ އިމުގެ ކައިރީގައި ރަޝިޔާއިން ދޭތެރެދޭތެރެއިން އަސްކަރީ ތަމްރީންތައް ބާއްވާއިރު، ތަމްރީންތަކަށް ފަހު އަނބުރާ ދާއިރު ރަޝިޔާއިން ދަނީ ބައެއް ހަތިޔާރު ދޫކޮށްލާފައެވެ. އަދި އެހަތިޔާރުތައް ތާލިބާން ހަނގުރާމަވެރިންނަށް ފޯރުކޮށްދޭ ކަމަށާއި، އެހެންނަމަވެސް އެއީ ކިހާ އަދަދެއްގެ ހަތިޔާރުކަން ދަންނަވަން ނޭނގޭ ކަމަށް ޖެނެރަލް ނިކޮލްސަން ވިދާޅުވިއެވެ.
ރަޝިޔާ އިން ތާލިބާނުންނަށް އެހީވަނީ އިސްލާމް ސްޓޭޓްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ތާލިބާނުން ހަރަކާތްތެރިވާތީ އެކަމަށް މަދަދުވެރިވުމުގެ ނަމުގައެވެ. ތާލިބާނުންނާއި ރަޝިޔާއަކީ ކުރީގައި އެއްގަލަކަށް އެރި ބައެއް ނޫނެވެ. ރަޝިޔާ އިން 1979 ވަނަ އަހަރު އަފްޣާނިސްތާނަށް އެރުމާ ގުޅިގެން އެމެރިކާއިން މަދަދުވެރިވި މުޖާހިދީންގެ ހަނގުރާމަވެރިން ވަނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަކޮށްފައެވެ. އަދި ފަހުން ތާލިބާން ޖަމާޢަތް އުފެދި، އެޖަމާއަތުގެ މެމްބަރުންނަށްވީ މިދެންނެވި މުޖާހިދީންގެ ލަޝްކަރުގެ ހަނގުރާމަވެރިންނެވެ. އަދި 1989 ވަނަ އަހަރު ބަލި ޤަބޫލުކޮށް ރަޝިޔާ ސިފައިން އަފްޣާނިސްތާނުން ފޭބީ މިހަނގުރާމަވެރިންގެ ސަބަބުންނެވެ.
ކުރީގެ ހަތުރުން ނަމަވެސް، ރަޝިޔާ އާއި ތާލިބާނުން ވެސް އެމެރިކާއާ ދެކޮޅު ރޭވުންތައް ރޭވުމުގައި އެއްކޮށް މަސައްކަތް ކުރަމުންދާ ކަމަށް ޖާސޫސީ ރިޕޯޓްތައް ބުނާ ކަމަށް ވެއެވެ.
ތާލިބާނުންނަށް މަދަދުވެރިވާން ރަޝިޔާއިން ފަށާފައި ވަނީ ދާދި ފަހުން ކަމަށް އެމެރިކާ އިން ޤަބޫލުކުރެއެވެ.