ޖަލަށްލާފައި ހުރި ފަލަސްތީނުގެ އެކްޓިވިސްޓް އަހަދު ތަމީމީ އަށް މަސްދުވަހަށް ޖަލަށް ލުމަށް އިސްރާއީލުގެ އަސްކަރީ ކޯޓުން ބުދަ ދުވަހު ހުކުމް ކޮށްފިއެވެ.
މިހާރު އުމުރުން 17 އަހަރުގެ އަހަދު ހައްޔަރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެއް ރެއެއްގެ ދަންވަރު އިސްރާއީލް ސިފައިން އޭނާގެ ގެއަށް ވަދެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އަހަދު ހައްޔަރުކުރީ، އަހަދުގެ އަވަށަށް ވަދެގަނެގެން އުޅުނު އިސްރާއީލު ސިފައިންގެ ދެ މީހެއްގެ މޫނުމަތީގައި އަހަދު ޖަހާތަން ފެންނަ ވީޑީއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.
އިސްރާއީލުގެ މިލިޓަރީ ކޯޓް އަފަރ އިން ބުދަ ދުވަހު އަހަދަށް ހުކުމް ކޮށްފައިވާއިރު އަހަދުގެ ބަންދަކީ ބައިނަލްއަޤްވާމީ މުޖުތަމައުގެ ސަމާލުކަން ލިބިފައިވާ މައްސަލައެކެވެ.
އަހަދުގެ މައްޗަށް އެންމެ ފުރަތަމަ 12 ދައުވާއެއް ކުރެވުނުއިރު ހަތަރު ދައުވާއަކަށް އެއްބަސްވެ އަށް މަސްދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރާ ގޮތަށް ދެން ހުރި ދައުވާތައް ނުއުފުލާ ގޮތަށް އިސްރާއީލު އަސްކަރިއްޔާގެ ޕްރޮސިކިއުޓަރުން ހުށަހެޅި ހުށަހެޅުން އޭނާ ވަނީ ގަބޫލުކޮށްފައެވެ.
މާރާމާރީ ހިންގުމާއި، މާރާމާރީއަށް ހިތްވަރު ދިނުމާއި، އޮއްގައު އުކުމުގެ ކުށުގެ ދައުވާ ހިމެނޭ ގޮތުން އަހަދުގެ މައްޗަށް 12 ދައުވާއެއް އުފުލިއިރު އޭނާގެ އުމުރަކީ 16 އަހަރެވެ.
އަސްކަރީ ކޯޓުތަކުގައި ކުޑަކުދިންގެ މައްޗަށް ޝަރީޢަތް ހިންގައި، އެކުދިންނަށް ބޮޑެތި އަދަބު ދިނުމަށް ޙުކުމްކުރާ ހަމައެކަނި ޤައުމަކީ އިސްރާއީލް ކަމުގައިވާއިރު، އިސްރައީލުގެ ކޯޓެއްގައި އަހަދަށް އިންސާފު ނުލިބޭނެ ކަމަށާއި، ދިގު މުއްދަތަކަށް އަހަދު ޖަލަށް ލުމުގެ ފުރުޞަތު އޮތް ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން އޭރު ވެސް ވަނީ ބުނެފައެވެ.
އަހަދުގެ ޖަލުބަންދުގެ މުއްދަތު ގުނާނީ ހުކުމް ކުރުމުގެ ކުރިން އޭނާ ޖަލަށްލެވިފައި ހުރި މުއްދަތު ވެސް ހިމަނައިގެންނެވެ. ޖލު ހުކުމުގެ އިތުރުން 1،500 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ވެސް އޭނާ ދައްކަން ޖެހޭނެއެވެ.