ކ. މާލެ
|
22 މާރޗް 2018 | ބުރާސްފަތި 09:00
ޒިމްބާބްވޭގެ ރައީސް އެމަރސަން ނަންގަގްވާ
ޒިމްބާބްވޭގެ ރައީސް އެމަރސަން ނަންގަގްވާ
އޭޕީ
ޒިމްބާބްވޭ
ޒިމްބާބްވޭގެ ތިން ހާހެއްހާ ކުށްވެރިންނަށް ރައީސް ނަންގަގްވާ މަޢާފް ދެއްވައިފި
މަޢާފް ދެއްވި ކުށްވެރިންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުށްވެރިން ހިމެނޭ
ބައެއް ކުށްވެރިންގެ އަދަބު ލުއި ކޮށްދީފައިވޭ
މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން އެއްފަހަރާ ގިނަ އަދަދެއްގެ ގައިދީންނަށް ނަންގަގްވާ މައާފް ދެއްވި ފުރަތަމަ ފަހަރު

ޒިމްބާބްވޭގެ ރައީސް އެމަރސަން ނަންގަގްވާ އެގައުމުގެ ތިން ހާހެއްހާ ކުށްވެރިންނަށް މަޢާފް ދެއްވައިފި އެވެ.

ރައީސް ނަންގަގްވާ މަޢާފް ދެއްވާފައިވާ ތިން ހާހެއްހާ ކުށްވެރިންގެ ތެރޭގައި ހިމެނެނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންދާ އަންހެން ގައިދީން ފިޔަވައި އެހެން ހުރިހާ އަންހެނުންނާއި، ހުކުމް ތަންފީޒް ކުރަމުންދާ 18 އަހަރު ނުފުރޭ ކުޑަ ކުދިން ކަމަށް ޒިމްބާބްވޭގެ ޕްރިޒަންސް އެންޑް ކަރެކްޝަނަލް ސަރވިސަސް (ޒެޑްޕީސީއެސް) އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން 3 އަހަރަށްވުރެ ކުރު މުއްދަތެއްގެ ހުކުމެއް ތަންފީޒް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން ހުކުމުގެ ހަތަރު ބައިކުޅަ އެއްބައި ފުރިހަމަ ކޮށްފައިވާ ފަރާތްތަކާއި، ހުކުމުގެ ބާކީ ބައި ފުރިހަމަ ނުކުރެވޭ ވަރަށް ސިއްހީ ހާލަތު ދެރަ ގައިދީން ވެސް ރައީސް ނަންގަގްވާގެ މަޢާފްގެ ދަށުން މިނިވަން ވެގެންދާނެ ކަމަށް ޒިމްބާބްވޭގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޒިމްބާބްވޭގެ ޖަލުތަކުގައި ގާތްގަނޑަކަށް 17 ހާސް ކުށްވެރިންނަށް ހުކުމް ތަންފީޒް ކުރެވޭ މިންވަރަށް ޖާގަ އޮތް ނަމަވެސް، އެގައުމުގެ ޖަލުތަކުގައި 20 ހާހެއްހާ ގައިދީން މިހާރުވެސް ހުކުމް ތަންފީޒް ކުރަމުންދެއެވެ. ރައީސް ނަންގަގްވާގެ މަޢާފް އާއެކު ތިން ހާހެއްހާ ކުށްވެރިން މިނިވަން ވުމާއެކު ޖަލުތައް ތޮއްޖެހުމުގެ މައްސަލަ އަށް ލުޔެއް ލިބިގެންދާނެ އެވެ.

މީގެ އިތުރުން ރައީސް ނަންގަގްވާ ވަނީ އެގައުމުގެ ޖަލުތަކުގައި ތިބި ބައެއް ގައިދީންގެ އަދަބު ލުއި ކޮށްދިނުމަށް ނިންމާފައެވެ. އެގޮތުން މަރުގެ ހުކުމް އިއްވާފައިވާ ގައިދީންގެ ތެރެއިން ހުކުމް ތަންފީޒް ނުކުރެވި 10 އަހަރަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކޮށްފައިވާ ކުށްވެރިންނަށް އިއްވާފައިވާ މަރުގެ އަދަބު، އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ލުއި ކޮށްދީފައިވެއެވެ.

މިއީ ޒިމްބާބްވޭގެ ވެރިކަމާއި މިދިޔަ ނޮވެމްބަރު މަހު އެމަރސަން ނަންގަގްވާ ހަވާލުވެވަޑައިގެންނެވި ފަހުން ގިނަ އަދަދެއްގެ ގައިދީންނަށް އެއްފަހަރާ މަޢާފް ދެއްވި ފުރަތަމަ ފަހަރެވެ.

ނަންގަގްވާގެ ކުރިން އެގައުމުގައި ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ރޮބަޓް މުގާބޭގެ ވެރިކަމުގައި އެގައުމުގެ ޖަލުތަކުގެ ތޮއްޖެހުމަށް ހައްލެއް ހޯދުމަށް 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ދެ ހާހެއްހާ ކުށްވެރިން ޖަލުން މިނިވަން ކޮށްފައިވެއެވެ.

- ކޮމެންޓް