ބާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އައިޖީއެމް ހޮސްޕިޓަލަށް ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.
އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ ލަފާކުރެވޭ ގޮތުގައި ޝެއިހް އިމްރާން ޑޮކްޓަރަށް ދައްކާފައިވަނީ ސްކޭނެއް ހެއްދުމަށް ކަމަށެވެ. އަދި އިމްރާން ޑޮކްޓަރަށް ދެއްކުމަށްޓަކައި މާލެ ގެނައުމުގެ ކުރިން އާއިލާއަށް އަންގާފައިވާ ކަމަށް ވެސް ނަޒީރު ވިދާޅުވިއެވެ.
މި މަހުގެ ފަސްވަނަ ދުވަހުވެސް ކަރެކްޝަންސް އިން ވަނީ ޝެއިހް އިމްރާން މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އަދާލަތު ޕާޓީން ޑޮކްޓަރުންނާ ހަވާލާދީ ބުނީ އިމްރާންގެ ލޭގައި ސޯޑިއަމްގެ ނިސްބަތް ސީރިއަސް ލެވެލެއްގައި ހުރި ކަމަށާއި ޝައިޚްގެ ހާލަތާ ގުޅިގެން ޑޮކްޓަރުން ލަފާ ދީފައިވަނީ އިތުރު ޓެސްޓްތަކެއް ހެދުމަށް ކަމަށެވެ.
މުއައްސަސާތަކުން އެކަމާ އަޅާނުލާތީ، ޝެއިހް އިމްރާން އަބްދުﷲ އާއި އޭނާގެ އާއިލާ އިން ކަމާ ބެހޭ ފަރާތްތަކުގައި އެތައް ފަހަރެއްގެ މަތިން އެ ކަންބޮޑުވުންތައް ހިއްސާކުރުމުން ވެސް އެކަށީގެންވާ ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް އޭރު އަދާލަތް ޕާޓީ އިން ވަނީ ބުނެފައެވެ.
އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 12 އަހަރަށް ޖަލަށްލާފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތުކޮށެވެ. އިމްރާން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކ. މާފުށީ ޖަލުގައެވެ.