މަގުބޫލު ފިލްމުތައް ނެރެމުން އަންނަ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ ޑާކްރެއިން އެންޓަޓައިންމަންޓުން އަނެއްކާ ވެސް ފިލްމެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
ޑާކްރެއިން އިން މިދިޔަ މަހު އެ ޕްރޮޑަކްޝަންގެ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި އިވެންޓެއްގައި ވަނީ މި ފިލްމުގެ ނަމުގެ އިތުރުން ފިލްމުން ފެނިގެންދާ ބައެއް ތަރިން އިއުލާންކޮށްފައެވެ. އެ ތަރިންނަކީ އިސްމާއީލް ޖުމައިހް، މަރިޔަމް މަޖުދާ، ނުޒުހަތު ޝުއައިބު، މަރިއްޔާ ތެރެއްސާ، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު (ފުބޫ)، އާދަމް ރިޒްވީ، އައިމިނަތު ނޫރާ، އަދި އަހްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ.މާމުއިގެ ޕްރޮޑިއުސަރ މުހައްމަދު އަލީ (މޮގާ) އާންމުކޮށްފައިވާ ފޭސްބުކް ޕޯސްޓުގައި ވަނީ މާމުއިގައި ހިމެނޭ އާ ތަރިންގެ ނަން ވެސް އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބު، އަލީ ޝަޒްލީމް، އިބްރާހިމް އަމާން ހުސެން، މާރިއާ ތްރޭސާ، ހަމްދާން ފާރޫގް، އަހްމަދު ސުނީ އަދި އައިޝަތު ޔާދާއެވެ.
"މާމުއި"ގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) މީގެ ކުރިން ބުނެފައި ވަނީ "މާމުއި" އަކީ ވަރަށް ތަފާތު ކޮމެޑީ ފިލްމެއްކަމަށެވެ. އަދި މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފަހުކޮޅު މި ފިލްމު ރިލީޒްވާނެ ކަމަށް ޑާކްރެއިން އެންޓަޓައިންމަންޓުން ވަނީ ބުނެފައެވެ.
ޑާކްރެއިން އެންޓަޓައިންމަންޓުން މިއަހަރު ދެ ފިލްމެއް ނެރޭނެ ކަމަށް އިއުލާންކޮށްފައިވާއިރު "ވަކިން ލޯބިން" ވަނީ މިމަހުގެ 5 ވަނަ ދުވަހު ރިލީޒް ކޮށްފައެވެ. ޑާކްރެއިން އިން މިއަހަރު ނެރޭނެ ކަމަށް ބުނެފައިވާ ދެވަނަ ފިލްމު "ގޮށްރާޅު" އެޕްރީލް މަހުގެ 5 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެއްސި ނަމަވެސް އެ ފިލްމު އެޅުވުން ވަނީ ޑިސެމްބަރު މަހަށް ފަސްކޮށްފައެވެ. މި ފިލްމު ރިލީޒްކުރުން ފަސްކޮށްލި މައިގަނޑު އެއް ސަބަބީ ރާއްޖޭގެ ސިޔާސީ މާހައުލު އޮތް ގޮތުން ކަމަށް ޑާކްރެއިނުން ބުނެއެވެ.
ބެލެވޭ ގޮތުގައި ޑާކްރެއިން އިން "މާމުއި" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުއެވެ.