ރާއްޖޭގެ ފުރަތަމަ އައިސް ސްކޭޓިން ރިންކް ޖުމެއިރާ ވިޓަވެލި ރިސޯޓުން ހުޅުވައިފިއެވެ.
މި އައިސް ސްކޭޓިން ރިންކް ހުޅުއްވައިދެއްވީ ރަޝިއާގެ އައިސް ސްކޭޓިން ގޯލްޑް މެޑަލިސްޓް ޔޫގީނީ ޕްލޫޝެންކޯ އާއި އޭނާގެ ދަރިފުޅު އެލެކްސެންޑަރ އެވެ.
ޔޫގީނީ ވަނީ މި އައިސް ސްކޭޓިން ރިންކްގައި ސްކޭޓިންގެ ހަރަކާތްތައް ދައްކާލާފައެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޔޫގީނީ ވިދާޅުވީ ހުރިހާ ރައްޔިތުން މި އައިސް ސްކޭޓިން ރިންކް މެދުވެރިކޮށް ސްކޭޓް ކުރުމަށް އެދިލައްވާ ކަމަށާއި ރިންކް ހުޅުވުމުގެ ޝަރަފު ޖެމެއިރާ ރިސޯޓުން ދެއްވީތީ ޝުކުރު ދަންނަވާ ކަމަށެވެ.
އައިސް ސްކޭޓިން ރިންކް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަޔަރ ޑާންސްގެ އިތުރުން ކުޑަ ފަޔަރ ޝޯއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޖުމެއިރާ ވިޓަވެލި ރިސޯޓްގެ ޖެނެރަލް މޭނެޖަރ އަމިތް މަޖުމްދަރް ވިދާޅުވީ މި ރިންކް ހެދުމަށްޓަކައި ދޮޅު އަހަރު ދުވަސް ހޭދަވި ކަމަށާއި އެ ރިސޯޓުން ރާއްޖޭގައި މުޅިން އަލަށް މިކަހަލަ ރިންކެއް ހުޅުވުމުން އުފާކުރައްވާ ކަމަށެވެ.
އެ ރިސޯޓުން އިތުރަށް ބުނީ ސްކޭޓް ކުރާ ފަރާތްތަކުން ސްކޭޓް ކުރުމުގެ ކުރިން ގައިޑް ކޮށްދޭނެ މީހުންނާއި ޓްރެއިނަރުން ތިބޭނެ ކަމަށާއި ކޮންމެ މީހެއްގެ ވެސް ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ސޭފްރީ އިކުއިޕްމަންޓްސްތައް ހަމަޖެހިފައިވާނެ ކަމަށެވެ.
މިހާރު ހަމައެކަނި ރިސޯޓުގައި ތިބޭ ގެސްޓުންނަށް މި ރިންކް މެދުވެރިކޮށް ސްކޭޓް ކުރުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް މުސްތަޤްބަލުގައި އާންމުންނަށް ވެސް ހާއްސަ ޕެކޭޖްތަކުގެ ދަށުން މި ރިންކް މެދުވެރިކޮށް ސްކޭޓް ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެ ރިސޯޓުން މައުލޫމާތުދެއެވެ.
މި ރިންކް މެދުވެރިކޮށް ސްކޭޓް ކުރެވޭނީ އުމުރުން 8 އަހަރުގެ މަތީގެ ކުދިންނަށް ކަމަށާއި އުމުރުން 8 އަހަރުގެ ކުއްޖަކު ސްކޭޓް ކުރަން ބޭނުންވާ ކަމުގައިވާނަމަ ބެލެނިވެރިޔާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ރިސޯޓުން ވަނީ ބުނެފައެވެ.
ވިޓަވެލީގައި އައިސް ރިންކް ހަދާފައިވަނީ އާޓިފިޝަލް އައިސް ޕްލޭޓް ހަދާ ކުންފުންޏެއް ކަމަށްވާ ގްލައިސް އިންނެވެ. ގްލައިސް އަކީ ކޮންމެ ކަހަލަ މާހައުލެއްގައި ވެސް ފިނި މޫސުން ތަޖުރިބާ ކުރެވޭނެ ގޮތް ހަދައިދޭ ކުންފުންޏެކެވެ.