ކްރިމިނަލް ކޯޓުގައި ހަތް ގަޑިއިރު ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ބެހެއްޓުމަށް ފަހު ޝަރީއަތް ކެންސަލް ކޮށްފިއެވެ.
ރައީސް މައުމޫން ކޯޓަށް ހާޒިރުކޮށްފައިވަނީ އެމަނިކުފާނުގެ ބަންދާއި މެދު ގޮތެއް ނިންމުމަށެވެ.
ރައީސް މައުމޫން ކޯޓަށް ހާޒިރު ކުރައްވާފައިވަނީ، އެ މަނިކުފާނު ގާނޫނީ ވަކީލް މައުމޫން ހަމީދު ރާއްޖޭން ބޭރުގައި ހުންނެވުމާއެކު، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރެއްވުން މި މަހުގެ 22 ވަނަ ދުވަހަށް ބަދަލު ކޮށްދެއްވުމަށް އެދިވަޑައިގެންފައިވަނިކޮށެވެ.
މައުމޫންގެ މައްޗަށް ތުހުމަތު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ އެކަމަށް ރޭވުންތައް ރޭއްވެވި ކަމުގެ ތުހުމަތެވެ.
ނަމަވެސް އެމަނިކުފާނު ވަނީ އެ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.
މި ހުރިހާ ތުހްމަތެއް ކުރުމަށް ފަހު، އަދި ރައީސް މައުމޫންގެ މައްޗަށް ވެސް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނުމަށް ފަހު ޕްރޮސިކިއުޓަރ ޖެނެރަލް އެމަނިކުފާނުގެ މައްޗަށް ހަމައެކަނި ދައުވާ ކުރައްވާފައިވަނީ ހެކި ނައްތާލުމުގެ ކުށެވެ.