ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 16:29
ތުރުކީގެ ފައުޖުތަކާއި ފްރީ ސީރިއަން އާމީގެ ހަނގުރާމަވެރިން އާދީއްތަ ދުވަހު އަފްރިން އަށް ވަންނަނީ
ތުރުކީގެ ފައުޖުތަކާއި ފްރީ ސީރިއަން އާމީގެ ހަނގުރާމަވެރިން އާދީއްތަ ދުވަހު އަފްރިން އަށް ވަންނަނީ
އަލްޖަޒީރާ
ސީރިއާގެ ހަނގުރާމަ
ތުރުކީގެ ފައުޖުތަކުން ސީރިއާގެ އަފްރިން ސިޓީގެ މުހިންމު ސަރަހައްދުތައް ހިފައިފި
ސީރިއާގެ ކުރުދީ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައި ކުރިން އޮތް އަފްރިންގެ ސިޓީ ސެންޓަރ ހިފާފައިވާކަން ތުރުކީގެ އަސްކަރިއްޔާ އިން ވެސް ކަށަވަރުކޮށްދީފައިވޭ

ތުރުކީގެ ފައުޖުތަކާއި ސީރިއާގެ އިދިކޮޅު ހަނގުރާމަވެރި ގްރޫޕެއް ކަމަށްވާ ފްރީ ސީރިއަން އާމީ (އެސްއެފްއޭ) އިން ސީރިއާގެ އަފްރިންގެ ސިޓީ ސެންޓަރ ހިފާފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދޮޣާން ވިދާޅުވެއްޖެ އެވެ.

ސީރިއާގެ ކުރުދީ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައި ކުރިން އޮތް އަފްރިންގެ ސިޓީ ސެންޓަރ ހިފާފައިވާކަން ތުރުކީގެ އަސްކަރިއްޔާ އިން ވެސް ކަށަވަރު ކޮށްދީފައިވެއެވެ.

ތުރުކީގެ އަސްކަރިއްޔާ އިން އާދީއްތަ ދުވަހު ކުރި ޓްވީޓެއްގައި ވަނީ ތުރުކީގެ ހަތިޔާރު އެޅި ފައުޖުތަކާއި ފްރީ ސީރިއަން އާމީ އިން އަފްރިންގެ ސިޓީ ސެންޓަރގެ ކޮންޓްރޯލް ނަގާފައިވާ ކަމަށެވެ. އަދި އެސަރަހައްދުގައި ލޭންމައިން އާއި އެހެނިހެން ގޮވާތަކެތި ވަޅުލާފައިވާ ކަމަށް ބެލެވޭތީ، ކަމާއިބެހޭ ތަޖުރިބާކާރުން އެސަރަހައްދު ބަލާ ފާސްކުރަމުންދާ ކަމަށް ތުރުކީގެ އަސްކަރިއްޔާ އިން ބުނެއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދޮޣާން ވަނީ، އާދީއްތަ ދުވަހު ހެނދުނު 8 ގަޑި 30 ގައި އަފްރިންގެ ސިޓީ ސެންޓަރުގެ ފުރިހަމަ ކޮންޓްރޯލް ތުރުކީގެ ފައުޖުތަކުން ހޯދާފައިވާކަން ހާމަކޮށްފައެވެ.

މީގެ އިތުރުން އަފްރިންގެ ސިޓީ ސެންޓަރުގައި ތުރުކީގެ ދިދަ ނަގާފައިވަނިކޮށް ކަމަށް ބުނާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެއެވެ.

މީގެ އިތުރުން ތުރުކީގެ ފައުޖުތަކުން މަދަދުދޭ ފްރީ ސީރިއަން އާމީގެ ހަނގުރާމަވެރިން އަފްރިންގެ މަގުތަކުގައި އުޅޭ މަންޒަރާއި، ކާމިޔާބުގެ ނިޝާން އަދި ދިދަ ވިހުރުވާ މަންޒަރު ދައްކައިދޭ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެއެވެ. އެހެން ނަމަވެސް، އެ ވީޑިއޯތަކުގެ ސައްހަކަން މިހާތަނަށް ކަށަވަރުވެފައިނުވާ ކަމަށް އަލްޖަޒީރާ އިން ރިޕޯޓް ކުރެއެވެ.

ތުރުކީގެ އަސްކަރިއްޔާގެ ފައުޖުތަކާއި ފްރީ ސީރިއަން އާމީ އިން ސީރިއާގެ ހުޅަނގުއުތުރުގައި ތުރުކީގެ ބޯޑަރު ކައިރީގައިވާ އަފްރިންގައި ހަރަކާތްތެރިވާ ކުރުދީންގެ ޕީޕަލްސް ޕްރޮޓެކްޝަން (ވައިޕީޖީ) ގެ ހަނގުރާމަވެރިން ބަލިކުރުމަށް އަފްރިން އަށް ވަދެގެންފައިވަނީ ޖެނުއަރީ މަހު ފެށި އޮޕަރޭޝަނެއްގެ ދަށުންނެވެ.

ތުރުކީ އިން ގަބޫލް ކުރާ ގޮތުގައި ސީރިއާގެ ކުރުދީންގެ ޑިމޮކްރެޓިކް ޔޫނިއަން ޕާޓީ (ޕީވައިޑީ) އަދި އެޕާޓީގެ ހަތިޔާރު އެޅި ގޮފި ވައިޕީޖީ އަކީ ޓެރަރިސްޓް ގްރޫޕްތަކެކެވެ. ޕީވައިޑީ އަދި ވައިޕީޖީ އަކީ ތުރުކީގައި މަނާކޮށްފައިވާ ކުރުދީންގެ ވޯކަރސް ޕާޓީ (ޕީކޭކޭ) އާއި ގާތް ގުޅުމެއް އޮންނަ ބައެކެވެ.

ޕީވައިޑީ އަދި ވައިޕީޖީ އިން އަފްރިން ހިމެނޭ ގޮތަށް ސީރިއާގެ އުތުރުގައިވާ ބޮޑެތި ވާދީތަކެއް ކޮންޓްރޯލް ކުރެއެވެ. ކުރުދީންގެ ޕީވައިޑީ އަދި ވައިޕީޖީ އިން އެސަރަހައްދުތަކުގެ ކޮންޓްރޯލް ހިފާފައިވަނީ އެމެރިކާ އިން މަދަދުވެރިވާ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ ހަނގުރާމަވެރިންނާއެކު ސީރިއާ ހަނގުރާމާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ބަލި ކުރުމަށްފަހު އެވެ.

- ކޮމެންޓް