ހޮލީވުޑްގައި ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އޮސްކާގެ ރައީސް ޖޯން ބެއިލީއަށްވެސް ޖިންސީ ގޯނާގެ ތުހުމަތު ކޮށްފިއެވެ.
ސިނެމޮޓޮގްރަފާ އަދި އެކެޑެމީ އޮފް މޯޝަން ޕިކްޗާޒް އާޓްސް އެންޑް ސައިންސް ގެ ރައީސް ޖޯން ބެއިލީއަށް ވަނީ ޖިންސީ ގޯނާގެ ތިން މައްސަލައެއްގެ ތުހުމަތު ކޮށްފައި ކަމަށް ރިޕޯތްތައް ބުނެއެވެ.
ބެއިލީ އޮސްކާގެ ރައީސްކަމާއި ހަވާލުވެފައިވަނީ މިދިޔަ އަހަރުގައެވެ.
މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ބެއިލީ ބުނެފައިނުވާއިރު ބެއިލީއަށް ޖިންސީ ގޯނާގެ ތުހުމަތުތައް ސާބިތު ވެއްޖެނަމަ އޭނާ އޮސްކާގެ ރައީސްކަމުން ދުރުވާނެއެވެ. އޭނާ އޮސްގެ ރައީސްކަމުން ދުރުވެއްޖެކަމުގައި ވާނަމަ އެ މަގާމާއި ހަވާލުވާނީ އޮސްކާގެ ނާއިބު ރައީސް ލޮއިޒް ބާވެލް އެވެ.
ބެއިލީއަށް ޖިންސީ ގޯނާގެ ތުހުމަތުތައް ކޮށްފައިވާއިރު އެކެޑެމީ އޮފް މޯޝަން ޕިކްޗާޒް އާޓްސް އެންޑް ސައިންސް މެމްބަރެއްގެ ގޮތުގައި ހުއްޓައި 2010 ގައި ޖިންސީ ގޯނާގެ ދެ ތުހުމަތަކާ ގުޅިގެން އެކްޓަރު ކޭސީ އެފްލެކް ވެސް ވަނީ އޭރު މެމްބަރުކަމުން ވަކިކޮށްފަ އެވެ.
މީގެ އިތުރުން ހޮލީވުޑްގެ ޑްރާމާއެއްކަމަށްވާ ހައުސް އޮފް ކާޑްސްގެ މެއިން ކަރެކްޓަރ އިން ފެނިގެންދިޔަ ކެވިން ސްޕޭސީ ވެސް ވަނީ 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު އުފުލާފައިވާތީ އޭނާ ވަނީ އެ ސީރީޒްއިން ބޭރުކޮށްލާފައެވެ.