ކ. މާލެ
|
17 މާރޗް 2018 | ހޮނިހިރު 19:32
އިރުމަތީ ޣޫތާ އަށް ސަރުކާރު ސިފައިން ދިން ހަމަލާތަކެއްގެ ތެރެއިން
އިރުމަތީ ޣޫތާ އަށް ސަރުކާރު ސިފައިން ދިން ހަމަލާތަކެއްގެ ތެރެއިން
ރޮއިޓަރސް
ސީރިޔާ
އިރުމަތީ ޣޫތާ އަށް ސަރުކާރު ސިފައިން ދިން ހަމަލާތަކެއްގައި އާންމުންގެ 30 މީހަކު މަރުވެއްޖެ
މިހަމަލާތައް ދިނީ ހޮނިހިރު ދުވަހު

ސީރިއާގެ ވެރިރަށް ދިމިޝްގާ ކައިރީގައި އޮންނަ އިރުމަތީ ޣޫތާ އަށް ސީރިޔާ ސަރުކާރު ސިފައިން ހޮނިހިރު ދުވަހު ދިން ހަމަލާތަކެއްގައި މަދުވެގެން 30 މީހުން މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

ސަރުކާރާ ދެކޮޅު ހަނގުރާމެވެރިންގެ އަތްދަށުގައިވާ އިރުމަތީ ޣޫތާ އަށް ހޮނިހިރު ދުވަހު ސީރިޔާ ސަރުކާރުން ދިން ހަމަލާތަކުގައި 12 ވަރަކަށް މީހުން ޒަޚަމްވި ކަމަށް "ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރް)" އިން ބުނެއެވެ. 

އިރުމަތީ ޣޫތާގައި ވައިގެ ހަމަލާތައް ކުރިއަށް ގެންދަނީ ހަމަލާތައް 30 ދުވަހަށް ހުއްޓާލަން އދގެ ސަލާމަތީ މަޖިލީހުން ފެބްރުއަރީ 24 ވަނަ ދުވަހު ގަރާރެއް ފާސްކޮށްފައިވަނިކޮށް ކަމަށްވާއިރު, ސީރިޔާ ސަރުކާރުން، ހަނގުރާމަވެރިންގެ އަތްދަށުން އިރުމަތީ ޣޫތާ މިނިވަން ކުރުމަށް މަސައްކަތް ކުރުމަށް ހަމަލާ ދޭތާ މަަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. މި މުއްދަތުގެތެރޭގައި އެތައްހާސް އާންމުން ވަނީ އިރުމަތީ ޣޫތާ ދޫކޮށްގޮސްފައެވެ. 

"ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް" އިން ބުނާގޮތުގައި ހޮނިހިރު ދުވަހު އެކަނިވެސް 10،000 މީހުން ވަނީ އިރުމަތީ ޣޫތާ ދޫކޮށް ގޮސްފައެވެ.

ސީރިއާގެ އިރުމަތީ ޣޫތާގެ ހާލަތާއިމެދު ބައިނަލްއަގްވާމީ މުޖުތަމައު އިން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ކުރިމަތިލުންތަކުގެ ސަބަބުން ޣޫތާގައި ހާލުގައި ޖެހިފައިވާ އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުރަސްތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.

ހަތަރު ލައްކަ އެއްހާ މީހުން ދިރިއުޅޭ އިރުމަތީ ޣޫތާގެ އާބާދީގެ ބޮޑު ބަޔަކީ ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެހެން ސަރަހައްދުތައް ދޫކޮށް އެސަހަރަށް ހިޖުރަކޮށްފައިވާ ފަރާތްތަކެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރި ގްރޫޕްތަކުން ކޮންޓްރޯލް ކުރާ އިރުމަތީ ޣޫތާ އަކީ ވެރިރަށް ދިމިޝްޤުގެ ރަށް ބޭރުގައި އޮންނަ ސަހަރެކެވެ. ގާތްގަނޑަކަށް ހަތަރު ލައްކައެއްހާ މީހުން ދިރިއުޅޭ އިރުމަތީ ޣޫތާ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ދިޔުމާއެކު، ސީރިއާގެ ސިފައިން ވަނީ 2013 ވަނަ އަހަރުން ފެށިގެން އެސަހަރު ވަށާލައި، ހިސާރު ކޮށްފައެވެ. ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ފައުޖުތަކުގެ ހަނގުރާމަވެރިން އިރުމަތީ ޣޫތާ އަށް ވަދެވެން އޮންނަ މަގުތައް ބަންދުކުރުމާއި ގުޅިގެން އެސަހަރުގެ ތެރެއަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، އެކަމާއި ގުޅިގެން އެސަރަހައްދުގެ ތަކެތީގެ އަގު ބޮޑުވެ، އިންފްލޭޝަން ރޭޓް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

 

 

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް