ކ. މާލެ
|
17 މާރޗް 2018 | ހޮނިހިރު 10:49
ކޮރަޕްޝަނުގެ ތުހުމަތުގައި މަގާމުން ވަކިކުރަން ނިންމުމުން ޒޫމާ އިސްތިއުފާ ދެއްވީ މި އަހަރުގެ ފެބްރުއަރީގައި
ކޮރަޕްޝަނުގެ ތުހުމަތުގައި މަގާމުން ވަކިކުރަން ނިންމުމުން ޒޫމާ އިސްތިއުފާ ދެއްވީ މި އަހަރުގެ ފެބްރުއަރީގައި
ގޫގުލް
ޒޫމާގެ ކޮރަޕްޝަންގެ ތުހުމަތު
ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޒޫމާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރަނީ
ޒޫމާ އިސްތިއުފާ ދެއްވީ އޭއެންސީ ވެސް ޒޫމާއާ ދެކޮޅަށް ތެދުވުމުން
ޒޫމާގެ މައްޗަށް ވަގު ވިޔަފާރި ހިންގެވުމާއި، ފްރޯޑް އަދި މަނީ ލައުންޑަރިންގގެ ތުހުމަތު ކުރެވޭ

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރައްވާނެ ކަމަށް އެ ގައުމުގެ އިސް ޕްރޮސިކިއުޓަރ ވިދާޅުވެއްޖެއެވެ.

ޒޫމާގެ މައްޗަށް 16 ދައުވާއެއް ކުރެވޭއިރު އޭގެ ތެރޭގައި ވަގުވިޔަފާރި ހިންގެވުމާއި، ފްރޯޑް އަދި މަނީ ލައުންޑަރިންގ ހިމެނެއެވެ.

ކޮރަޕްޝަނުގެ މައްސަލަ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެނީ 1990 ގެ އަހަރުތަކުގައި 2.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހެދުމުގެ ތެރެއިންނެވެ.

ޒޫމާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ފުރަތަމަ އުފުލުނީ 2005 ވަނަ އަހަރު އެ މަނިކުފާނުގެ ފައިނޭންޝަލް އެޑްވައިޒަރ ފްރޯޑާއި ކޮރަޕްޝަނުގެ މައްސަލައިގައި ޖަލަށް ލެވުމާ އެކުއެވެ.

ޗީފް ޕްރޮސިކިއުޓަރ ޝޯން އަބްރަހަމް ވިދާޅުވީ ދައުވާ ކާމިޔާބު ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން މަގާމުން އަޒުލް ކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށް ޒޫމާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

ޒޫމާ އިސްތިއުފާ ދެއްވާފައި ވަނީ، އޭނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ވެރިކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި، އާއްމުންނާއި އެމަނިކުފާނުގެ އަމިއްލަ ޕާޓީ އިން ވެސް ފިއްތުންތައް ކުރިމަތިވެފައި ވަނިކޮށެވެ.

ދެކުނު އެފްރިކާގެ ރައީސްގެ މަގާމުގައި 2009 ވަނަ އަހަރުން ފެށިގެން ހުންނެވި ޒޫމާ، ވެރިކަން ކުރާ އޭއެންސީއާ ގުޅިވަޑައިގެންނެވީ 1958 ވަނަ އަހަރުއެވެ.

އޭނާއަކީ އޭއެންސީގެ އެންމެ ވަފާތެރި އަދި އެންމެ އިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ލީޑަރެވެ. ދެކުނު އެފްރިކާގައި އޮތް ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް ތެދުވި، އެގައުމުގެ ބަތަލް އަދި ކުރީގެ ރައީސް ނެލްސަން މަންޑޭލާއާ އެކު ރޮބިން އައިލެންޑްގެ ޖަލުގައި 10 އަހަރު ޒޫމާ ހޭދަކުރެއްވިއެވެ. ޖަލުން މިނިވަން ވުމާ އެކު އަމިއްލަ އަށް އަރުވާލެއްވިގެން ގައުމުން ބޭރުގައި އުޅުއްވުމަށް ފަހު ޒޫމާ އެނބުރި ގައުމަށް ވަޑައިގެންފައި ވަނީ 1990 ވަނަ އަހަރުއެވެ.

ދެކުނު އެފްރިކާގެ ސިޔާސީ މައިދާނުގައި ތޫނުފިލި ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވި ޒޫމާގެ ވެރިކަމުގެ ދުވަސްވަރު ހިންގާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި، އެހެނިހެން މައްސަލަތަކާ ގުޅިގެން ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވެއެވެ. އޭނާ ވެފައި ވަނީ ނަސްލީ ތަފާތު ކުރުންތަކުން އަރައިގަތުމަށް ފަހު، ދެކުނު އެފްރިކާ ދުށް އެންމެ މައްސަލަ ބޮޑު ރައީސަށެވެ.

ދެކުނު އެފްރިކާގެ ދުސްތޫރީ ކޯޓުން މިދިޔަ ޑިސެމްބަރު މަހު ވަނީ، ދެކުނު އެފްރިކާގެ ކަންދްލާގައި ހުންނަ ޒޫމާގެ ގެކޮޅެއް މަރާމާތު ކުރުމަށް ދައުލަތުގެ ފައިސާ ބޭނުން ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާ ޒިންމާދާރު ކުރުވުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނުކުޅެދިފައިވާ ކަމަށް ނިންމާފައެވެ. އޭގެ ކުރިން 2016 ވަނަ އަހަރުގެ އޭޕްރީލް މަހު ހަމަ އެކޯޓުން ވަނީ، އެގައުމުގެ ޤާނޫނު އަސާސީ ނަގަހައްޓައި، ދިފާއު ކުރުމާއި ޤާނޫނު އަސާސީ އަށް އިހްތިރާމް ކުރުމުގައި ޒޫމާ ފެއިލްވެފައިވާ ކަމަށް ކަނޑައަޅާފައެވެ.

އެނިންމުމާ އެކު 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޭނާ މަގާމުން އަޒުލް ކުރުމަށް ޤާނޫނު ހަދާ މަޖިލީހުގައި ވޯޓު ނެގި ނަމަވެސް، އޭއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުގައި ނެގި ވޯޓުން ޒޫމާ ވަނީ ސަލާމަތްވެވަޑައިގެންފައެވެ. އެވޯޓުގައި ޒޫމާ މަގާމުން ވަކި ކުރުމަށް ފެންނަ ކަމަށް 143 މެމްބަރުން ވޯޓު ދިން އިރު، މަގާމުން ވަކި ކުރަން ނުފެންނަ ކަމަށް 233 ވޯޓު ލިބިފައިވެއެވެ.

މީގެ އިތުރުން ޒޫމާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އެހެން މައްސަލަތަކުގެ ތެރޭގައި ދެކުނު އެފްރިކާ އަށް 1993 ވަނަ އަހަރު ހިޖުރަކުރި އިންޑިއާގެ އާއިލާއަކަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން ހިމެނެއެވެ.

 

- ކޮމެންޓް