ވީޑިއޯ ހަދައިގެން ފުލުހުންނަށް އިންޒާރު ދިން މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.
ހުކުރު ދުވަހުގެ ރޭ ފުލުހުންގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ވީޑިއޯ ހަދައިގެން ފުލުހުންނަށް އިންޒާރު ދިން މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ތިން މީހަކު ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މީހުންގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިރޭ ކޯޓު އަމުރެއްގެ ދަށުން ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް، އާމިރު ސަލީމް ހައްޔަރުކޮށްފައި ވަނީ އެ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނާ ކަމަށް އާމިރު ވަނީ މައުލޫމާތު ދީފައެވެ. އާމިރުގެ އިތުރުން ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ވެސް މިރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި މަޖީދީ މަގުގައި މުޒާހަރާ ކުރިއަށް ދިޔަ ސަރަހައްދުން މުހައްމަދު ފަޒީން ވަނީ ހައްޔަރުކޮށްފައެވެ.
Video hadhaigen fuluhunnah inzaarudhin massalaigai 3 meehaku mirey vanee fuluhunge belumuge dhashah genevifai.
— Maldives Police (@PoliceMv) March 16, 2018
ބުރާސްފަތި ދުވަހު އާއި ހުކުރު ދުވަހު ވެސް ފުލުހުން ކަމަށް ބެލެވޭ ބަޔަކު ސަރުކާރަށް އިންޒާރުދޭ ވީޑިއޯއެއް ޔޫޓިއުބްގައި ވަނީ އާންމުވެފައެވެ. އަދި އޭގެ ފަހުން ވެސް އިތުރު ވީޑިއޯއެއް އާންމުވެފައި ވެއެވެ.
ބުރާސްފަތި ދުވަހު އާންމުކުރި ވީޑިއޯގައި ވަނީ ގާނޫނާ ހިލާފު އެއްވެސް އަމުރަކަށް ފުލުހުން ކިޔަމަން ނުވާނެ ކަމަށާއި ގާނޫނާ ހިލާފު އަމުރުތައް ކުރުން ނުހުއްޓައިފި ކަމުގައިވާ ނަމަ އޭޕްރީލް 1 ވަނަ ދުވަހު ފުލުހުންގެ މުއައްސަސާގެ ދިފާއުގައި ނުކުންނާނެ ކަމަށް ބުނެފައެވެ.
ޔޫޓިއުބްއަށް އަޕްލޯޑް ކުރެވިފައިވާ ދެ ވީޑިއޯގައި ވެސް ޔޫޓިއުބްގައި ފުލުހުންގެ ޔުނިފޯމްގައި ތިބި ތިން މީހުން ފެނިގެންދެއެވެ. އެ ތިން މީހުން ވެސް ތިބީ މޫނު ނިވާކޮށްގެންނެވެ.
އެސްއޯ ޔުނީފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރުދޭ ވީޑިއޯއާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެފައި ވަނީ، ދިވެހި ގައުމީ ފުލުހުން ކަމަށް ބުނެ ޔޫޓިއުބް އަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި މިހާ ހިސާބަށް އައިރު އެ ވީޑިއޯ އިން ފެންނަނީ ފުލުހުން ކަން ޔަގީން ކުރެވިފައިނުވާ ކަމަށެވެ.
ވީޑިއޯ ހެދި މައްސަލައިގައި ފުލުހުން ބަޔަކު ހައްޔަރުކޮށްފައި މި ވަނީ އެ ވީޑިއޯ ހެދީ ރާއްޖެޓީވީން ކަމަށް ދޭހަވާ ގޮތަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ތުހުމަތުކުރައްވާފައި ވަނިކޮށެވެ.