ކ. މާލެ
|
16 މާރޗް 2018 | ހުކުރު 10:49
ސަމިޓް އިންތިޒާމްކުރި ޤައުމުތަކުގެ މަންދޫބުން
ސަމިޓް އިންތިޒާމްކުރި ޤައުމުތަކުގެ މަންދޫބުން
ރޮއިޓަރސް
ޔޫއެން ވޯކްސް އެޖެންސީ
ފަލަސްތީނަށް އެހީވާ އދ. ގެ އެޖެންސީއަށް 100 މިލިއަން ޑޮލަރުގެ އެހީ ކަށަވަރުވެއްޖެ
އެހީގެ ސަމިޓް އޮތީ ރޯމްގައި
އެހީ ހޯދަން ސަމިޓެއް ބާއްވަން މަޖުބޫރުވީ އެމެރިކާއިން އެހީގެ މިންވަރު ކުޑަކުރުމުން

ފަލަސްތީނަށް އެހީތެރިވާ އދ. ގެ ވޯކްސް އެންޑް ރިލީފް އެޖެންސީއަށް އެހީ ހޯދުމަށް އިޓަލީވިލާތުގެ ވެރިރަށް ރޯމްގައި ބޭއްވި ސަމިޓްގައި، އެޖަމާޢަތަށް 100 މިލިއަން ޑޮލަރުގެ އެހީދިނުމަށް ޤައުމުތަކުން ވައުދުވެއްޖެއެވެ.

ރޯމްގައި ބުރާސްފަތި ދުވަހު ބޭއްވި މިސަމިޓް ބޭއްވީ އުރުދުން އާއި މިސްރާއި ސްވީޑަން އިން އިސްނަގައިގެންނެވެ. ދުނިޔޭގެ ކާނާއާ ބެހޭ ޖަމިއްޔާ ފުޑް އެންޑް އެގްރިކަލްޗަރަލް އޯގަނައިޒޭޝަންގެ ހެޑް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި އދ. ގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އާއި ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އެންމެ އިސްވެރިޔާ ފެޑެރިކާ މޮގަރީނީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިފަދަ ސަމިޓެއް ބާއްވާފައި މި ވަނީ ޔޫއެން ވޯކްސް އެންޑް ރިލީފް އެޖެންސީއަށް ދިމާވެފައިވާ މާލީ މައްސަލަތަކަށް ލުޔެއް ހޯދައިދިނުމަށެވެ. އެޖަމާޢަތަށް އެންމެ ބޮޑަށް އެހީވި ޤައުމަކީ އެމެރިކާއެވެ. އެހެން ނަމަވެސް ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމަށް ފަލަސްތީނުން ދެކޮޅު ހެދުމާ އެކު އެމެރިކާ އިން ވަނީ ޔޫއެން ވޯކްސް އެންޑް ރިލީފް އެޖެންސީއަށް ދޭ އެހީ އެތައް ގުނައެއް ކުޑަކުރުމަށް ނިންމާފައެވެ. އެޤައުމުން އެޖަމާޢަތަށް ދޭން އެންމެފަހުން ނިންމި 125 މިލިއަން އެމެރިކާ ޑޮލަރުގެ ތެރެ އިން ވެސް 65 މިލިއަން ޑޮލަރު ހިފެހެއްޓުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމަވާފައެވެ. ވޯކްސް އެންޑް ރިލީފް އެޖެންސީގެ ބަޖެޓްގެ ގާތްގަނޑަކަށް 30 އިންސައްތަ ފަންޑްކުރަމުން އައީ މީގެ ކުރިން އެމެރިކާއިންނެވެ.

90 އަށް ވުރެ ގިނަ ޤައުމުތަކަށް ދައުވަތު ދީގެން ބޭއްވި މިސަމިޓްގައި ފަލަސްތީނަށް އެހީވަން ނިންމި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ޤަތަރު، ކެނެޑާ، ސްވިޓްޒަލެންޑް، ތުރުކީވިލާތް، ނިއުޒިލޭންޑް، ނޯވޭ، ދެކުނު ކޮރެއާ، މެކްސިކޯ، ސްލޮވާކިއާ، އިންޑިއާ އަދި ފަރަންސޭސީވިލާތެވެ. މި ޤައުމުތަކުން 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވިއިރު، ޔޫއެން ރިލީފް އެޖެންސީއަށް މި ވަގުތު ވެސް 450 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އެ އެޖެންސީ އިން ބުނެއެވެ. އެހެންކަމުން ޤައުމުތަކުން ދޭން ބުނި އެހީގެ އިތުރަށް އެޖަމާޢަތަށް އަދިވެސް 350 މިލިއަން އެމެރިކާ ޑޮލަރު އެބަ ބޭނުންވެއެވެ.

ފާއިތުވި 70 ވަރަކަށް އަހަރު ފަލަސްތީނުގެ އެތައް މިލިއަން ރެފިއުޖީންނަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަނީ ޔޫއެން ވޯކްސް އެންޑް ރިލީފް އެޖެންސީއިންނެވެ. އޭގެ ތެރޭގައި ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ އިތުރުން ލުބްނާނާއި ސޫރިޔާ އަދި އުރުދުންގައި ޤާއިމްކޮށްފައިވާ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ ފަލަސްތީނުގެ 5 މިލިއަން ރެފިއުޖީން ހިމެނެއެވެ.

ރޯމްގައި އޮތް އެހީގެ ސަމިޓްގައި ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ބޮޑުވަޒީރު ރާމީ ޙަމްދުﷲ ވަނީ ރެފިއުޖީންނަށް ބޭނުންވާ މާލީ އެހީތެރިކަން ނުލިބިއްޖެނަމަ ދިމާވާނެ މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް