ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 18:32
ސްލޮވާކިއާގެ ބޮޑުވަޒީރު، ރޮބަރޓް ފީކޯ
ސްލޮވާކިއާގެ ބޮޑުވަޒީރު، ރޮބަރޓް ފީކޯ
ގޫގުލް
ސްލޮވާކިއާ
ނޫސްވެރިޔާގެ މަރަށް ފަހު ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ސްލޮވާކިއާގެ ބޮޑުވަޒީރު އިސްތިޢުފާ ދެއްވަން ތައްޔާރު!
އިސްތިޢުފާ ދެއްވުމަށް ތިން ޝަރުތެއް ހުށަހެޅުއްވި

ނޫސްވެރިއެއްގެ މަރަށް ފަހު ސްލޮވާކިއާގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު، ރޮބަރޓް ފީކޯ އިސްތިޢުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ސްލޮވާކިއާގެ ރައީސް އަންޑްރޭ ކިސްކާއާ ބައްދަލުކުރެއްވުމަށް ފަހު ބޮޑުވަޒީރު ފީކޯ ވިދާޅުވީ، އެމަނިކުފާނު އިސްތިޢުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށާއި، ނަމަވެސް ރައީސް ކިސްކާއަށް ބައެއް ޝަރުތުތައް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ޝަރުތެއްގެ ގޮތުން އެމަނިކުފާނު ހުށަހަޅުއްވާފައި ވަނީ، މިހާރު އޮތް ކެބިނެޓަށް ބަދަލެއް ނުގެނައުމެވެ. ދެވަނަ ޝަރުތެއްގެ ގޮތުގައި ބޮޑުވަޒީރު ފީކޯ ހުށަހެޅުއްވީ ވެރިކަމުގައި އޮތް ކޯލިޝަން ރޫޅޭނެ ޖާގަ ނުދެއްވުމެވެ. ތިންވަނަ ޝަރުތެއްގެ ގޮތުގައި އެމަނިކުފާނު ހުށަހަޅުއްވާފައި ވަނީ ކޯލިޝަންގެ މެދުގައި އެއްބަސްވެފައި ވާގޮތަށް ބޮޑުވަޒީރުގެ މަޤާމަށް ގެންނާނެ މީހެއްގެ ނަން ހުށަހެޅުމުގެ ފުރުޞަތު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޑައިރެކްޝަން-ސޯޝަލް ޑިމޮކްރަސީ ޕާޓީއަށް ދިނުމެވެ.

ސްލޮވާކިއާގެ މަސްރަހު ހޫނުވެފައި ވަނީ ނޫސްވެރިޔާ ޖޭން ކޫސިއަކްގެ މަރާ ގުޅިގެންނެވެ. އިޓަލީގެ މާފިއާ އާއި، އެ މާފިއާގެ އިސްވެރިންނާއި، ސްލޮވާކިއާގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި އޮންނަ ގުޅުން ތަޙުޤީޤުކުރަމުން ދަނިކޮށް ކޫސިއަކް އާއި އޭނާގެ ލޯބިވެރިޔާ، އެމީހުން ދިރިއުޅެމުންދިޔަ ގޭގައި ބަޑިޖަހައި މަރާލާފައި ތިއްބައި ފެނިފައިވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

ކޫސިއާކްގެ މަރާއި ވިދިގެން ސްލޮވާކިއާގެ ރައްޔިތުން އެޤައުމުގެ މަގުތަކަށް ނުކުމެ، ކޫސިއާކް އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ބޮޑު މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ.

ބޮޑުވަޒީރު ފީކޯ އިސްތިޢުފާ ދެއްވަން ތައްޔާރަށް ހުންނެވިކަން އިޢުލާނު ކުރެއްވުމާއި ގުޅިގެން، ސްލޮވާކިއާގެ މީޑިއާތަކުން ރިޕޯޓްކުރަމުންދާ ގޮތުގައި ދެން ބޮޑުވަޒީރު ކަމަށް އައްޔަން ކުރާނީ މިހާރުގެ ބޮޑުވަޒީރުގެ ނާއިބު ޕީޓަރ ޕެލެގްރީނީއެވެ.

ނިމިގެންދިޔަ ހަފްތާގައި ރައީސް ކިސްކާ ވަނީ މި މައްސަލަ ހައްލު ނުކުރެވޭ ނަމަ، ކެބިނެޓު އިސްތީޢުފާ ދިނުމަށާއި، ސަރުކާރުގެ ތެރެއިން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ގޮވާލައްވާފައެވެ.

ބޮޑުވަޒީރު ފީކޯ އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވިކަން އިޢުލާނު ކުރެއްވިއިރު، މުޒާހިރީންގެ އެދުމަށް ތަބާވެ، އެޤައުމުގެ އިންޓީރިއަރ މިނިސްޓަރ ރޮބަރޓް ކަލިނަކް ވަނީ ނިމިގެންދިޔަ ހަފްތާގައި އިސްތިޢުފާ ދެއްވާފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް