ދިވެހިރާއްޖެ އިން ޖަޕާނަށް ކަނޑައަޅުއްވާ ސަފީރު ކަމަށް އިބްރާހީމް އުވައިސް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބުރާސްފަތި ދުވަހު އައްޔަނު ކުރައްވައިފިއެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖަޕާންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް އިބްރާހީމް އުވައިސް އައްޔަން ކުރުމަށް ފެންނަ ކަމަށް 31 މެމްބަރުން ވަނީ އެ ޖަލްސާގައި ވޯޓު ދެއްވާފައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މެމްބަރަކު މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާފައެއް ނުވެއެވެ.
ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އުވައިސްގެ ނަން ރައީސް އަބްދުﷲ ޔާމީން ފޮނުއްވުމުން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓުގައި ބުނާ ގޮތުން އެ ކޮމެޓީން އުވައިސްގެ ނަން ދިރާސާ ކުރުމަށް ފަހު، އުވައިސް އަށް ރުހުން ދީފައިވަނީ އެ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.