ކ. މާލެ
|
14 މާރޗް 2018 | ބުދަ 20:31
ޖަޕާނުގެ ބޮޑުވަޒީރު އަބޭ
ޖަޕާނުގެ ބޮޑުވަޒީރު އަބޭ
އޭޕީ
ޖަޕާން-އުތުރު ކޮރެެއާ
އުތުރު ކޮރެއާގެ ލީޑަރު ކިމް އާ ބައްދަލުކުރުމާމެދުު ޖަޕާނުގެ ބޮޑުވަޒީރު އަބޭ ވިސްނަވަނީ
އުތުރު ކޮރެއާގެ ލީޑަރު ކިމް އާ އެމެރިކާގެ ރައީސް ޓްރަމްޕް ވެސް ބައްދަލު ކުރައްވާ ގޮތައް ވަނީ ހަމަޖެހިފައި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި އެކު ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ބައްދަލު ކުރުމާމެދު ވިސްނަމުންދާ ކަމަށް ރިިޕޯޓުތައް ބުނެފިއެވެ. 

ބޮޑުވަޒީރު އަބޭ އުތުރު ކޮރެއާގެ ލީޑަރު ކިމް އާ ބައްދަލުކުރުމާ މެދު ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނާއިރު، ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް އާ ވެސް ބައްދަލު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އުތުރު ކޮރެއާގެ ލީޑަރު، އެމެރިކާގެ ރައީސަށް ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމުގެ މެސެޖް ރައްދުކުރެއްވީ، ދާދި ފަހުން އުތުރު ކޮރެއާ އަށް ޒިޔާރަތްކުރައްވައި ކިމްއާއެކު މަޝްވަރާތައް ބޭއްވި ދެކުނު ކޮރެއާގެ އިސް ވަފުދު މެދުވެރިކޮށެވެ. މިބައްދަލުވުމަށް ފަހު ދެކުނު ކޮރެއާގެ ވަފުދު ވަނީ ވޮޝިންޓަނަށް ވަޑައިގެން، އުތުރު ކޮރެއާގެ ލީޑަރުގެ ސިޓީފުޅެއް ޓްރަމްޕަށް އަރުވާފައެވެ. އަންނަ މެއި މަސް ނިމުމުގެ ކުރިން އުތުރު ކޮރެއާގެ ލީޑަރާ ރައިސް ޓްރަމްޕް ގެ ބައްދަލުވުން އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ޖަޕާނުގެ ނިއުސް އެޖެންސީ އެއް ކަމަށްވާ ކިއޯޑޯ ނިއުސް އިން ބުނެފައި ވަނީ ދެކުނު ކޮރެއާގެ މަންދޫބު ސަހް ހޫން ވަނީ  ޖަޕާނުގެ ބޮޑުވަޒީރު އަބޭ އާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފަ ކަމަށެވެ. ސަހް ހޫން އަކީ އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ބައްދަލުވުން ވެސް ހަގީގަތަކަށް ހެއްދެވުމުގައި ނެގޯޝިއޭޓް ކުރެއްވި ފަރާތެވެ. 

އުތުރު ކޮރެއާ އަށް ބައިނަލްއަގްވާމީ މުޖުތަމައު އިން ތަކުރާރުކޮށް ގޮވާލަމުން ދަނީ މިސައިލްތައް ޓެސްޓްކުރުމާ އަދި ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށެވެ. އެހެނަސް އުތުރު ކޮރެއާ އިން އެކަމަށް އިޖާބައެއް ނުދެއެވެ. އުތުރު ކޮރެއާގެ އަމަލުތަކުގެ ސަބަބުން އދ. އާއި އެމެރިކާ އިން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް