ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ސިޔާސީ ޕާޓީއެއްގެ ސްލޫކީ ކޮމެޓީގެ ދެތިން މެމްބަރަށް ގެއްލުވާލެވޭ ގޮތަށް ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ބިލުގައި މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނާ ހިލާފުކަން ހާމަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމާއެކު ގަދަ ބާރުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި އިންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު، ސަރުކާރު ބުނާހާކަމެއް މަޖިލީހުގެ ތެރެއިން ކޮށްދިނުމަށްޓަކައި ސިފައިން މަޖިލީހުގެ ތެރެއަށް ވައްދާ މަޖިލިސް ހިސޯރުކުރުމަށް ފަހު، މަޖިލީހުގައި ރައްޔިތުން ބަލައި ނުގަންނަ، ޑިމޮކްރެސީއާ ހިލާފު ގިނަ ކަންތައްތަކެއް ދަނީ ކުރަމުންނެވެ.
އެގޮތުން މިހާރު ވަނީ މަޖިލީހުގެ މެމްބަރުކަން ގެއްލިއްޖެކަން ކަނޑައެޅުމުގެ ބާރު ސިޔާސީ ޕާޓީއެއްގެ ކުޑަ ކޮމެޓީއެއްގައި ހިމެނޭ ދެތިން މެމްބަރަކަށް ލިބިދޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ބިލް ފާސްކުރުމަށް އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.
ދިވެހި ދައުލަތް އެކުލެވިގެން ވަނީ ތިންބާރުގެ މައްޗަށް ކަމަށާއި، އެގޮތުން ގާނޫނު ހެދުމުގެ އެންމެހާ ބާރުތަކެއް ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބުނާއިރު، އެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއެއްގެ ކުޑަ ކޮމެޓީއެއްގެ ދެ ތިން މެމްބަރުންނަށް ލިބިދޭ ގޮތަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން އެވެ.
މި ބިލާ ގުޅޭ ގޮތުން ރާއްޖެޓީވީއާ ވާހަކަދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، މި ބިލްގައިވަނީ 13 ޖުލައި 2017 އިން ފެށިގެން އަމަލު ކުރާ ގޮތަށް ކަމަށެވެ. މިފަދަ ގޮތަކަށް ބެކް ޑޭޓަކަށް ބިލްތައް ފާސްކުރުމަކީ ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނަކީ ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތައް، ވީހާވެސް އެއްގޮތަކަށް، ތަރުޖަމާކުރުމާއި މާނަކުރުމާއި ތަންފީޒުކުރުމުގެ އުސޫލުތައް އެކަށައެޅުމެވެ. އަދި ގާނޫނީ އިދާރާތަކުންނާއި ކޯޓުތަކުން ގާނޫނު މާނަކުރުމުގައާއި ތަރުޖަމާކުރުމުގައާއި ތަންފީޒުކުރުމުގައި، އަމަލުކުރަންވީ ހަމަތަކަކީ ކޮބައިކަން އަންގައިދިނުން ކަމަށް ބުނެފައިވާ ގާނޫނެކެވެ.
އެ ގާނޫނުގެ 12 ވަނަ މާއްދާއަކީ އެ ގާނޫނު މާނަކުރުމުގައި ގަބޫލު ކުރެވޭ ހަމަތައް ކަމަށް ބުނެފައިވާއިރު އެ މާއްދާގެ (ބ)ގައި ބުނެފައި ވަނީ ގާނޫނެއް އެކުލަވާލާ ތާރީހުގެ ކުރިން ހިނގާފައިވާ ކަންކަމަށް ހިނގާނެ އެއްޗަކަށް އެ ގާނޫނު ނުވާނެ ކަމަށެވެ.
"ގާނޫނު އެކުލަވާލި ދުވަހުން ފެށިގެން ކުރިއަށް ހިނގާ އެއްޗަކަށް ގާނޫނުވުމާއި، ގާނޫނުގެ ތާރީހުގެ ކުރިން ހިނގާފައިވާ ކަންކަމަށް ހިނގާނެ އެއްޗެއްކަން އެގާނޫނު ނުވުން" މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ބ)ގައި ބުނެފައި ވެއެވެ.