އެއް ފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ކޯޒްވޭ އަންނަ ޖޫންމަހު ބޭނުން ކުރަން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ހޯމަދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯޒްވޭގެ ބިންހިއްކާ ނިމި މިހާރު ކުރިއަށް ދަނީ އޮއިވަރު ދައުރުވާ ގޮތް ހެދުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.
އަދި ކޯޒްވޭގެ މަސައްކަތް އެއްކޮށް ނިންމާލައި އަންނަ ޖޫން މަހު އެ މަގު ބޭނުންކުރަން ފެށޭނެ ކަމަށް މުއިއްޒުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
Madaveli-Hoadehdhoo Causeway ah bin hikkaa nimi, culverts hadhaa revetment jehumuge masakkai kuriyah dhanee: June 2018 gai nimi beynun kuran fesheyne IA. pic.twitter.com/mQbwc5s0k5
— Dr.Mohamed Muizzu (@MMuizzu) March 12, 2018
މަޑަވެއްޔާއި ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި މަޑަވެލީގެ އިރުދެކުނުން ފެށިގެން ހޯނޑެއްދު އަށް އަޅާ ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު އަދި ފުޅާމިނުގައި ހަތް މީޓަރު ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މީގެއިތުރުން މަޑަވެލީގެ 3.5 ހެކްޓަރު ބިން ވެސް މި މަޝްރޫއުގެ ދަށުން ހިއްކާނެ އެވެ.
މި މަޝްރޫއަކީ 29 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މަޑަވެލީގެ އާބާދީގެ ގޮތުގައި ގާތްގަނޑަކަށް 2،000 މީހުން ތިބިއިރު ހޯނޑެއްދޫގެ އާބާދީ އަކީ ގާތްގަނޑަކަށް 1،200 މީހުންނެވެ.