ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ފޮޓޯތަކެއް ނެގި ކަމަށް ބުނެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ސިފައިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސޯޝަލް މީޑިޔާ އެކްޓިވިސްޓް ހުސައިން ޝިނާން އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޝިނާން ބުނީ، ހޯމަ ދުވަހުގެ ރޭ ދަންވަރު 01:45 ހާއިރު ސުޕްރީމް ކޯޓު ސަރަހައްދުން 12 ވަރަކަށް ސިފައިން އައިސް އޭނާ ހުއްޓުވި ކަމަށެވެ. އަދި އޭނާގެ ފޮޓޯތަކެއް ދެއްކުމަށް ފަހު ޝިނާން ކަން ޔަގީން ކުރި ކަމަށާއި އޭނާ އަކީ ސިފައިން ތަހުގީގު ކުރަމުންދާ މައްސަލައަށް ހޯދަމުންދާ މީހެއް ކަމުގައި ހާމަކުރި ކަމަށެވެ. އަދި ފުލުހުންނާ އޭނާ ހަވާލު ކުރާނެ ކަމަށް ބުންޏެވެ.
ފުލުހުން އައިސް އޭނާ ވިލީ ފުލުސް އަށް ގެންދިޔަ ކަމަށާއި ހައްޔަރު ކުރީ ހިލާލީގެ ހިމެނޭ ސަރަހައްދުގެ ފޮޓޯ ތަކެއް ނަގާ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލްތަކެއް ހިންގައިވާ ކަމަށް ބުނެ ކަމަށް ޝިނާން ބުންޏެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރަކާ ނުލާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ބުނެފައިވެއެވެ.
ފުލުހުންގެ އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަށް ގެންދިއުމަށް ފަހު ފަތިހު ދޫކޮށްލީ ކަމަށް އޭނާ ބުންޏެވެ. ޝިނާން ބުނީ އޭނާގެ ފޯނު ވެސް ފުލުހުން ޗެކް ކުރި ކަމަށާއި ހިލާލީގޭގެ އެއްވެސް ފޮޓޯއެއް އެ ފޯނުގައި ނުހުންނާނެ ކަމަށެވެ.
ފުލުހުން އޭނާ ދޫކޮށްލާފައިވާ އިރު ސިފައިން އޭނާއާއި ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
ސުޕްރީމް ކޯޓު ސަރަހައްދުން އޭނާ ހުއްޓުވި ސިފައިން ގެ އަތުގައި އޭނާގެ ގިނަ އަދަދެއްގެ ފޮޓޯއާއި އޭނާގެ ޓްވީޓްތައް ހުރި ކަމަށް ޝިނާން ބުންޏެވެ. ޝިނާންއަކީ ކުރީގެ ނައިބު ރައީސް އަދީބަށް ތާއީދުކޮށް ފާޅުގައި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންދާ ފަރާތެކެވެ.