ކ. މާލެ
|
12 މާރޗް 2018 | ހޯމަ 22:18
ސައުދީގެ ރަސްގެފާނު ސަލްމާން
ސައުދީގެ ރަސްގެފާނު ސަލްމާން
ގޫގުލް
ސައުދީ އަރަބިއްޔާ
ސައުދީގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހާއްސަ އެންޓި-ކޮރަޕްޝަން ޔުނިޓުތަކެއް އުފައްދަނީ
ސައުދީގައި އެންޓި ކޮރަޕްޝަން ޔުނިޓްތަކެއް އުފައްދާ އިރު މިދިޔަ ނޮވެމްބަރު މަހު ކުރީކޮޅު ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި އެ ގައުމުގެ ނުފޫޒު ގަދަ ފަރާތްތަކެއް ހައްޔަރުކޮށްފައި

ސައުދީ އަރަބިއްޔާގެ ޕަބްލިކް ޕްރޮސިކިއުޓަރުގެ އޮފީހުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހާއްސަ އެންޓި-ކޮރަޕްޝަން ޔުނިޓުތަކެއް އުފެއްުދެވުމަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަމުރު ކުރައްވައިފިއެވެ. 

މިކަން ހާމަކުރަމުން ސައުދީގެ ދައުލަތުގެ މީޑިއާ އިން ބުނީ ސައުދީގެ ރަސްގެފާނު މިގޮތަށް އަމުރު ކުރެއްވީ "ހުރިހާ ގޮތަކުންވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ކަމަށާ އަދި އާންމު ރައްޔިތުންގެ ފައިސާ ރައްކާތެރިކުރުމަށާ އަދި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ތިބޭ މީހުންގެ ނަޒާހަތްތެރިކަން ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ." 

ސައުދީގައި އެންޓި ކޮރަޕްޝަން ޔުނިޓްތަކެއް އުފައްދާ އިރު މިދިޔަ ނޮވެމްބަރު މަހު ކުރީކޮޅު ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި އެ ގައުމުގެ މަޝްހޫރު މަހުޖަނުންނާއި، ޝާހީ އާއިލާގެ މެމްބަރުންނާއި އަދި މިނިސްޓަރުން ވެސް ހައްޔަރުކޮށްފައެވެ. ކޮރަޕްޝަނާ ދެކޮޅަށް ސައުދީން ފެށި އޮޕަރޭޝަން ފެށީ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ބޮޑެތި ބާރުތަކަކާ އެކު މިދިޔަ ނޮވެމްބަރު މަހު އެކުލަވާލި ހާއްސަ ކޮމިޓީއަކުންނެވެ. މިކޮމިޓީގެ ޗެއަރމަނަކަށް އައްޔަން ކޮށްފައި ވަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނެވެ. މިކޮމިޓީގައި ދެން ތިއްބަވަނީ ސައުދީ ނޭޝަނަލް އެންޓި ކޮރަޕްޝަން އޮތޯރިޓީގެ ޗެއަރމަން، ޖެނެރަލް އޯޑިޓް ބިއުރޯގެ ޗެއަރމަންގެ އިތުރުން އެޓާނީ ޖެނެރަލް އަދި ދައުލަތުގެ ސަލާމަތާ ބެހޭ އިސްވެރިޔާއެވެ.

ސައުދީ އަރަބިއްޔާ އިން ކޮރަޕްޝަނާ ދެކޮޅަށް މިދިޔަ ނޮވެމްބަރު މަހު ފެށި އޮޕަރޭޝަނާ ގުޅިގެން ހައްޔަރު ކުރި ފަރާތްތަކުގެ އަތުން ސައުދީ ސަރުކާރަށް 100 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދާ ފައިވާ ކަމަށް ޖެނުއަރީ މަހު ސަރުކާރުން ވަނީ ބުނެފައެވެ. 

 

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް