ވީމީޑިއާގެ ހަނގާ ފަންޑު ފޮއްޓަށް ރާއްޖެޓީވީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ފަރާތުން ފައިސާގެ އެހީދީފި އެވެ.
ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ މިކަހަލަ ޖޫރިމަނާތައް ސަރުކާރުން ކުރަމުންދާ ކަމަކީ ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި މީޑިއާތަކުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ. ހުރިހާ ރައްޔިތުންގެވެސް ކިބައިން ވީޓީވީގެ ހަނގާ ފަންޑު ފޮއްޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޔާޒް އެދިވަޑައިގަތެވެ.
ވީމީޑިއާގެ ޑިރެކްޓަރ ޖެނެރަލް އިމާދް ލަތީފް ވިދާޅުވީ ރާއްޖެޓީވީވެސް ކުރިން އެކިފަހަރު ބޮޑެތި އަދަދުން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި ވީޓީވެސް މިކަމުން އަރައިގަތުމަށްޓަކައި ރާއްޖެޓީވީގެ ތަޖުރިބާ ބޭނުންވާނެ ކަމަށެވެ. އަދި ރާއްޖެޓީވީއަށް އިމާދް ވަނީ ޝުކުރު އަދާކޮށްފައެވެ.
އިމާދް އިތުރަށް ވިދާޅުވީ އެކި މުއައްސަސާތަކުން ވަކި ބައެއްގެ ލާބަޔާ މަންފާއަށްޓަކައި މަސައްކަތް ކުރަމުންދާތަން ފެންނަމުންދާ ކަމަށެވެ.
ބްރޯޑްކޮމް އިން ވީމީޑިއާ ޖޫރިމަނާ ކޮށްފައިވަނީ ގުޅިފައިވާ ޕާޓީ ތަކުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ރޭ ފ. މަގޫދޫގައި ބޭއްވި ޖަލްސާއެއްގައި ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަފުޅުގައި ބޭނުންކުރެއްވި އެންމެ ބަހެއްގައި ހިފައިގެން ކަމަށާއި މުސްތަފާ ބޭނުންކުރެއްވި އިބާރާތަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މީހެއްގެ އަބުރާ ބެހެވޭ ފަދަ އިބާރާތެއް ކަމަށް ބްރޯޑްކޮމް އިން ގަބޫލުކޮށްފައިވާތީ އެ ބަސް ހަބަރުގައި ހިމަނާފައިވާތީ ކަމަށް ވީޓީވިން ބުންޏެވެ.
މިޖަލްސާ ވީމީޑިއާގެ ވީޓީވީ އާއި ވީއެފްއެމް ރޭޑިއޯ އިން ބްރޯޑްކާސްޓް ކޮށްފައިވާތީ ޖޫރިމަނާކޮށްފައިވަނީ ވީޓީވީ ދެލައްކަ ރުފިޔާ އިން އަދި ވީއެފްއެމް ދެ ލައްކަ ރުފިޔާއާ އެކު، ޖުމްލަ ހަތަރު ލައްކަ ރުފިޔާ އިންނެވެ.