ފުންނާބު އުސް ލޯޔަރުނަކީ މުސީބާތެއް ކަމަށާއި ފަނޑިޔާރުންނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަނޑިޔާރުން ކުޑަގޮޅިއަށް ލައިގެން ވެސް އެބޭފުޅުން މައިތިރި ކުރަންޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މޫސާ ވިދާޅުވީ ގާނޫނުތަކަށް އިސްލާހު ގެންނަންވީ ގޮތް ގާނޫނީ ވަކީލުންނަށް ނޭނގޭނެ ކަމަށެވެ.
ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުން ގާނޫނު ނެހެދޭނެ ކަމަށް ގާނޫނީ ވަކީލުން ވިދާޅުވަމުންދާތީ، އެ ވަކީލުންނަށް ރައްދު ދެއްވައި މޫސާ ވިދާޅުވީ މަޖިލީހުގެ މެމްބަރުން ވޯޓު ދީފިނަމަ، އެފަދަ ގާނޫނުތައް ހެދޭނެ ކަަމަށާއި ގާނޫނުތައް ހަދާނެ ކަމަށެވެ.
"މިއަދު އެބަތިބި ފުންނާބު އުސް ލޯޔަރުން. މި މީހުންގެ މުސީބާތް ވެސް ބޮޑުވެއްޖެ. ގާނޫނުއަސާސީ ހެދިއިރު މިތާ އުޅޭބަޔަކު ވެސް ނެތް. އެކަމަކު ގާނޫނުން އަމިއްލައަށް ހަމައަޅައިގެން މިހެންނޭ އެހެންނޭ. އަޅުގަނޑަށް ހީވާގޮތުން އެ މީހުން މިތިބެނީ ޗެމްބަރުތައް ހަދައިގެން، ޗެމްބަރުތަކުން މައްސަލަ ހިފައިގެން މިދަނީ ފަނޑިޔާރުން ކައިރިއަށް،" މޫސަ ވިދާޅުވިއެވެ.
ފަނޑިޔާރުންނަށް ފާޑުވިދާޅުވެ، މޫސަ ވަނީ ފަނޑިޔާރުން ރިޝްވަތުގެ ފައިސާގައި ހިއްޕަވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެކަމަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ ލާރި ހުރި މީހާގެ މައްސަލަ ނިމިގެން ދަނީ އެ މައްސަލައެއް ހުށަހެޅި މީހަކު ބޭނުންވާ ގޮތަށް ކަމަށާއި ނަމަވެސް ނިކަމެތި މީހާގެ މައްސަލަ ނިމިގެންދަނީ އޭނާ ބޭނުންވާ ގޮތަށް ނޫން ކަމަށެވެ.
ފަނޑިޔާރުން އަމިއްލައަށް ކުރި ހުކުމް، އަމިއްލައަށް ބަދަލު ކުރަންޖެހޭ ހާލަތަށް ދިއުމުން ފަނޑިޔާރުން ހަމައަކަށް އަޅުވަންޖެހޭ ކަމަށާއި ގާނޫނަށް އިސްލާހު ގެނެސްގެން ވެސް، އަދި ކުޑަ ގޮޅީގައި ބައިތިއްބައިގެން ވިޔަސް ވެސް ފަނޑިޔާރުން "މައިތިރި" ކުރަންޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.
"ނިކަމެތި މީހާގެ މައްސަލައެއް ކޯޓަކުން ނިމިގެން ނުދޭ، އޭނާ ބޭނުންވާ ގޮތަކަށެއް. ލާރި ހުރި މީހާގެ މައްސަލަ ނިމިގެން އާދޭ. މިއީ މުޅި ރާއްޖޭގައި ދައްކާ ވާހަކަ،" ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މޫސަ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެއް ވަނަ ދުވަހު ނެރުނު އަމުރަށް އިޝާރާތްކޮށް، މޫސަ ވިދާޅުވީ ފަނޑިޔާރުގެއިން މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ އަޒުލް ނުކުރެވިގެން ކަމަށާއި އެކަމުގެ އިސްކޮށް ހުންނެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ނިކަމެތި މީހާއަށް އަދަބު ލިބޭނަމަ ފަނޑިޔާރުންނަށް ވެސް އަދަބު ލިބެންޖެހޭނެ ކަމަށާއި އެކަން ގަބޫލުނުކުރެވޭނަމަ އިސްތިއުފާ ދެއްވުމަށް ފަހު "އުވަ ޖަހައި، ސިމެންތި ޖަހައިގެންނާއި ވަޑާންކޮށްގެން" އާމްދަނީ ހޯދޭނެ ކަމަށެވެ.