ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ރައީސް މައުމޫން އަބްދުއްޤައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ބޮއިމަށް ސާފު ފެން ނުލިބޭ ކަމަށާއި، ލިބެނީ ފާހާނަ ސާފުކުރުމަށް ބޭނުންކުރާ ފެން ކަމަށް ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެ އެވެ.
ތަހުޤީޤާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިރާޖް ވިދާޅުވީ ނަދީމްގެ ސިއްހީ ހާލަތު ގޯސްވަމުންދާ ކަމަށެވެ. އަދި ނަދީމަށް ސާފު ބޯފެން ނުލިބޭ ކަމަށާއި، ލިބެނީ ފާހަނަ ސާފުކުރުމަށް ބޭނުންކުރާ ފެން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން ތަކުރާރުކޮށް ފުލުހުންގެ ސަމާލުކަމަށް ގެނައި ނަމަވެސް އަދިވެސް ހައްލުކޮށްދީފައެއް ނުވެ އެވެ.
ސިރާޖް ވިދާޅުވީ މިފަދަ މައްސަލަތައް ވަރަށް ގިނައިން ފާހަގަވާ ކަމަށާއި، އަދި މިކަމަކީ ހެދިފައިވާ ޤާނޫނުތަކާއި ހިލާފަށް ސަރުކާރުން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި ސާފު ބޯފެން ނުލިބޭ މައްސަލަ ބަލައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ސިޓީއަކުން ހުށައަޅާފައިވާނެކަމަށް ވެސް ސިރާޖް ވިދާޅުވި އެވެ.
ނަދީމް ހައްޔަރުގައި ހުންނަތާ އެތައް ދުވަހެއް ވާއިރު ސިރާޖު ވިދާޅުވި ގޮތުގައި ތަހުޤީޤްގައި އެއްވެސް ސުވާލެއް ނަދީމާ އަދި ނުކުރެ އެވެ. އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތަހުޤީޤްގައި އެއްވެސް ސުވާލެއް ފުލުހުން މިހާ ދުވަސްވިއިރުވެސް ކޮށްފައިނުވާތީ މިހާރު އެކަން ޕްރޮސިކިއުޓަރ ޖެނެރަލަށް ވެސް ހުށައަޅުއްވާފައިވާ ކަމަށެވެ. ސަބަބަކީ ޖިނައީ އަދުލުގެ ނިޒާމްގައި ހިނގާ ކަންތައް ހިނގަނީ ކިހިނެއްތޯ ބެލުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާއެއްކަމަށްވާތީކަމަށް ސިރާޖް ވިދާޅުވި އެވެ.
"މިހާތަނަށް އެއްވެސް ސުވާލެއް ކުރުމެއް ނެތި، ތަހުޤީޤަށް ބޭނުންވާ އެއްވެސް މަސައްކަތެއް ނުކޮށް މިގޮތަށް ކަންތައްތައްދާތީވެ ބަންދަށް ލުއިގޮތެއް ކަނޑައަޅާދިނުމަށް އަޅުގަނޑުމެން މިހާރު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުގައި އެދިފައި" ވަކީލް ވިދާޅުވި އެވެ.
ޔުމްނާ މައުމޫންގެ ފިރިކަލުން، ނަދީމް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު، އެންމެ ފުރަތަމަ އެވެ. އެއީ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ އެވެ. އޭގެފަހުން ރައީސް މައުމޫން ހައްޔަރުކުރި އެވެ.