އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުލަތުގެ ހިންގުމަށް ބަދަލުތަކެއް ގެނައުމަށް ރިޝްވަތު ހުށަހެޅިކަމަށް ތުހްމަތުކޮށްފި އެވެ.
ކުރިން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މެމްބަރު މުހައްމަދު އަބްދުﷲގެ ފޯނު އަތުލުމަށް ފަހު އޭނާ ދޫކޮށްލީ މާޗް 13 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ޕޮލިހަށް ހާޒިރުވުމަށް ޗިޓް ހަވާލުކުރުމަށް ފަހު އެވެ.
އެ ޗިޓްގައި ބުނެފައިވާ ގޮތުގައި 2018 ފެބްރުއަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ އިދާރާތަކުގެ މުވައްޒަަފުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅައި އެ މުވައްޒަފުންގެ ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ކަންތައްތަކަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހްމަތުކުރެވޭ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ބުނެ މުހައްމާާ ހައްޔަރުކޮށް އޭނާގެ ފޯނު ހިފާއްޓާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އެހެން ބައެއް މެމްބަރުންވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށްބުނެ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުވެސް ހިމެނެ އެވެ.