ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ މައްސަލާގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ގާނޫނީ ވަކީލެއް އަންޔަން ކުރަން ފަސް ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ބުނެ މިމަހުގެ ދެވަނަ ދުވަހު ހައްޔަރުކޮށްފައިވާ ރިޔާޒު އާދީއްތަ ދުވަހު ކްރިމިނަލް ކޯޓަށް މި މައްސަލައާއި ގުޅިގެން ހާޒިރުކޮށްފައި ވަނީ އާދީއްތަ ދުވަހު މެންދުރު 1:30 ގައެވެ.
ރިޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދެވަނަ ނަމްބަރުގެ ދަށުންނެވެ. މި ދައުވާ ސާބިތުވެއްޖެނަމަ ރިޔާޒުގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އޭނާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ. މި މައްސަލައިގެ ލިޔެކިޔުންތައް ޖެނުއަރީ 10 ވަނަ ދުވަހު އޭނާއާ ވަނީ ހަވާލުކޮށްފަ އެވެ.
މި ދައުވާއަކީ، ރިޔާޒުގެ މައްޗަށް ދައުލަތުން ކުރި ތިން ވަނަ ދައުވާއެވެ. މީގެ ކުރިން، އޭނާގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅިކަމުގެ ދައުވާ ކުރިއެވެ. އެހެން ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައެވެ. ދައުލަތުން ވަނީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
މީގެ އިތުރުން، ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ އިތުރު 11 މެންބަރެއްގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ދައުވާ ވަނީ ކޮށްފައެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ.