ދިވެހިރާއްޖޭގެ ގާނޫނޫ އަސާސީ ނެގެހެއްޓެވުމަށް ސަލާމަތީ ހިދުމަތްތަކަށާއި ޖުޑީޝިއަރީއަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ގޮވާލައްވައިފިއެވެ.
އެމަނިކުފާނުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ކުރެއްވި ޓްވީޓެއްގައި ވަނީ ހައްޔަރުކުރެވުނުތާ 34 ދުވަސްފަހުން އެމަނިކުފާނަށް ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކުރާކަން އެމަނިކުފާނަށް އަންގާފައިވާ ކަމަށެވެ. މި ތުހުމަތަށް އެމަނިކުފާނު އިންކާރުކުރައްވާ ކަމަށާއި އަދި ރާއްޖޭގެ ގާނޫނު ނެގެހެއްޓުމަށް ސަލާމަތީ ހިދުމަތްތަކަށާއި ޖުޑީޝިއަރީއަށް އެމަނިކުފާނު ގޮވާލައްވާ ކަމަށް ވެސް މި ޓްވީޓުގައިވެއެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކޮށްފައިވާއިރު ފުލުހުން ވަނީ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުއްވިކަމުގެ ތުހުމަތުކޮށް އެމަނިކުފާނާއި ސުވާލުކޮށްފައެވެ. ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުއްވިކަމުގެ ތުހުމަތު އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކޮށްފައިވަނީ ރައީސް އޮފީހުން ސުޕްރީމް ކޯޓަށް ފޮނުވި ހަތަރު ސިޓީއެއް، އީ ގަވަރމެންޓް ނިޒާމް ޑައުންކޮށް، އެ ކޯޓަށް ބަލައިގެންފައިނުވާ ކަމަށް ބުނުމަށް ފަހު އެވެ. މި ތުހުމަތުތަކަށް ވެސް އެމަނިކުފާނު ވަނީ އިންކާރުކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރެޔެވެ. އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރުމަށް ސިފައިން ސުޕްރީމް ކޯޓަށް ވަދެފައިވަނީ ކޯޓުގެ ފުރާޅުމަތިން، އަދި ކޯޓުގެ ދޮރު ވައްޓާލުމަށް ފަހު އެވެ. އަދި އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ދަމާ ކޫތާފައިކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ފަހުން ސުޕްރީމް ކޯޓުން ހުކުމް ނެރެމުން އަންނަނީ އުއްތަމަ ފަނޑިޔާރުގެ އެއްވެސް ބަސްފުޅެއް ނެތިއެވެ. މިއީ ގާނޫނު އަސާސީއާ ހިލާފަށް ކުރަމުންދާ ކަމެއް ކަމަށް ވެސް ގާނޫނީ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. އެހެނީ ސުޕްރީމް ކޯޓުން އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި ގާނޫނުން ކަނޑައަޅާ އޮނަހިރި އަދަދެއްގެ މެމްބަރުންނާއެކު ކަމަށް ގާނޫނު އަސާސީގައި ލިޔެވިފައިވެއެވެ.