ބަރަކާތްތެރި ރަމަޟާން މަސް އަންނަންވާއިރަށް ގަތަރަކީ އެ ގައުމަށް ބޭނުންވާ މިންވަރަށް ކިރާއި ކިރުގެ އުފެއްދުންތައް އުފެއްދޭ ގައުމަކަށްވާނެ ކަމަށް އުއްމީދުކުރާ ކަމަށް އެ ގައުމުން ބުނެފިއެވެ.
އަނަދޮލޫ ނޫސް އޭޖެންސީއާއި ވާހަކަދައްކަވަމުން ގަތަރުގައި ކިރުގެ އުފެއްދުންތައް އުފައްދާ ބަލަދްނާ ކުންފުނީގެ ބޯޑްގެ ޗެއަރމަން މުއުތާޒް އަލް ޚަޔާތު ވިދާޅުވީ މިހާރު އެ ކުންފުނި އޮތީ އެ ގައުމުގެ ބާޒާރަށް ބޭނުންވާ މިންވަރަށް ކިރުގެ އުފެއްދުންތައް ނެރެވޭނެ ހާލަތެއްގައި ކަމަށެވެ.
ގަތަރުން މި ފިޔަވަޅުތައް އަޅަންފެށީ 2017 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އަރަބި ހަތަރު ގައުމަކުން އެ ގައުމާއި ދެކޮޅަށް ވަޔާއި ކަނޑު އަދި އެއްގަމުމަގުން ދަތުރުފަތުރު ބަންދުކޮށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ގުޅިގެންނެވެ.
ކިރާއި ޔޯގަޓް، ދުވާލަކަށް 500 ޓަނު އުފެއްދުމަށް ކުންފުނިން އުއްމީދު ކުރާއިރު އެއީ އެ ގައުމުގެ އެތެރޭގެ ބޭނުމަށް ފުދި އަދި 100 ޓަނު އެކްސް ޕޯޓް ކުރެވޭނެ ވަރުގެ މިންވަރެކެވެ.
ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ނިމުމެއް ގެނެސްފައިނުވާއިރު އަލް ޚަޔާތު ވިދާޅުވީ އެ ކުންފުނިން ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި އެމެރިކާއިން އިތުރު 3،200 ގެރި ލިބިގެންދާނެކަމަށެވެ. އަދިއެއީ މިހާރު ހުރި ސްޓޮކްގެ ތެރެއަށް އިތުރުވެގެންދާ އަދަދެއްކަމަށް އޭނާ ވިދާޅުވިއެވެ.
ދަތިކުރުމުގެ ފިޔަވަޅު އެޅުމާއިއެކު ބަލަދްނާ ކުންފުނިންވަނީ ވަގުތުން އެމެރިކާއާއި ޔޫރަޕުން 4،000 ގެރި އެތެރެކޮށްފައެވެ.
ގަލްފްކޯޕަރޭޝަން ކައުންސިލް(ޖީސީސީ)ގައި ހިމެނޭ ސައުދީ އަރަބިއްޔާ، އެކުވެރި އަރަބި އިމާރާތް(ޔޫއޭއީ)، މިސްރު އަދި ބަހްރެއިނުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ގަތަރާއެކު އޮންނަ ގުޅުން ކަނޑާލާފައެވެ.
ގަތަރުން ޓެރެރިޒަމަށް ފައިސާ ޚަރަދުކޮށް ވާގިވެރިވެދީ ސަރަހައްދުގެ ހަމަޖެހުމަށް ބުރޫއަރުވަމުން ގެންދާކަމަށް ތުހުމަތުކޮށް އެ ގައުމުތަކުން ގުޅުންކަނޑާލިއިރު ގަތަރުން އެކަން ދޮގުކުރެއެވެ.
މައްސަލަ ހައްލުކުރުމަށްކަމަށް ބުނެ އެ ހަތަރު ގައުމުން ފަހުން ވަނީ ގަތަރަށް ޑިމާންޑްތަކެއް ހުށަހަޅާފައެވެ.
އެ ޑިމާންޑްތަކުގެ ތެރޭގައި އީރާނާއެކު އޮންނަ ގުޅުން ކަނޑާލުމާއި ،ޓެރެރިޒމަށް ވާގިވެރިވުން ހުއްޓާލުމާއި އަލްޖަޒީރާ ބަންދުކުރުން ހިމެނެއެވެ.