ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު، ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.
ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރަން ޕީޖީއަށް ފޮނުވި އެ މައްސަލަތައް އަނބުރާ ފުލުހަށް ފޮނުވާލާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ޕީޖީން އެ މައްސަލަތައް ބަލައި ނުގަނެ، ފުލުހަށް އަނބުރާ ފޮނުވާލި ސަބަބެއް އެނގިފައެއް ނުވެއެވެ.
ރައީސް މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކި ނައްތާލި ކަމުގެ ތުހުމަތުގައެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވި މައްސަލަ ވެސް ވަނީ އަނބުރާ ފުލުހަށް ފޮނުވާލާފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރު ކުރި ބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލަތައް އަނބުރާ ފޮނުވާލާފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސައްހަކަމާމެދު ޕީޖީ އައިޝަތު ބިޝާމް ސުވާލު އުފައްދަވާފައި ވަނިކޮށެވެ. ކުއްލި ނުރައްކަލުގެ ހާލަތު މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ، ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ބިޝާމް ވަނީ ފުލުހުންނަށް އަންގާފައެވެ.
ކޯޓަށް ހާޒިރުކޮށް، ބަންދާމެދު ގޮތެއް ނިންމުމެއް ނެތި ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާތާ 34 ދުވަސް ވަނީ ވެފައެވެ. އެ ބޭފުޅުން ހައްޔަރު ކުރީ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ކުރި އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމަށްފަހު، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.