ހައްޔަރު ކޮށްފައިވާ ފުލުހުންގެ މައްޗަށް ކުރަނީ ވެސް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލުން މަސައްކަތް ކުރުމުގެ ކުށުގެ ތުހުމަތު ކަމަށާއި ނަމަވެސް އެ ތުހުމަތުތަކަށް އެ ފުލުހުން އިންކާރު ކުރާ ކަަމަށް އެ މީހުން ގާނޫނީ ވަކީލުން ބުނެފި އެވެ.
ފުލުހުން ހައްޔަރު ކޮށްފައިވާ ޕޮލިސް އިންސްޕެކްޓަރ ސައިފް ހުސައިން އާއި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ފާއިޒު މުހައްމަދު އާއި ޕޮލިސް ސާރޖަންޓް އަލީ ރިސްވާން އަހުމަދު އާއި ޕޮލިސް ސާރޖަންޓް އަބްދުﷲ ރިޔާޒު އާއި ޕޮލިސް ސާރޖަންޓް އަހުމަދު އާސިމް އާއި ޕޮލިސް ސާރޖަންޓް އަލީ ނަސީރު އާއި ޕޮލިސް ކޯޕްރަލް ހަސަން ނަސީރު އަދި ޕޮލިސް ކޯޕަރަލް މުހައްމަދު ޝާމީން ވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރިކަމަށް ތުހުމަތުކޮށް ދޫނިދޫގައި ބަންދުކޮށްފައިވާ ފުލުހުންގެ ގާނޫނީ ވަކީލުން އަދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ ބަންދުކޮށްފައިވާ އެ ފުލުހުންގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށެވެ. އެ ފުލުހުންގެ ގާނޫނީ ވަކީލުން ބުނީ އެ ފުލުހުން ހައްޔަރު ކޮށްފައިވަނީ ގާނޫނާ ހިލާފަށް އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ދަށުން ކަމަށް ފުލުހުން ވެސް ގަބޫލު ކުރާ ކަމަށެވެ.
ބަންދުކޮށްފައިވާ ފުލުހުންނާ ހަވާލާދީ ބަޔާނުގައި ބުނެފައި ވަނީ އެ ފުލުހުންނަކީ ދިގު މުއްދަތަކަށް ހިދުމަތް ކުރަމުންދާ އަދި އަބަދުވެސް މަސައްކަތްކޮށްފައި ވާނީ ވެރިންގެ އެންގެވުންތަކާ އެއްގޮތަށް މުޅި ގައުމުގެ މަސްލަހަތުގައި ކަމަށެވެ.
މީގެއިތުރުން އެބަޔާނުގައި ވަނީ ދިވެހި ފުލުހުންގެ ހިދްމަތް ހިންގުމަށް އިސްކޮށްފައިވާ ވެރިންގެ އަމުރާ އެއްގޮތަށް ފުލުހަކު އަޅާ ފިޔަވަޅެއްގެ ސަބަބުން އެ ފުލުހަކު ޖިނާއީ ތުހުމަތެއްގައި ބަންދުކުރުމަކީ ފުލުހުންގެ ހިދްމަތުގައި ސާބިތުކަމާއެކު މަސައްކަތްކުރުމަށް ހުރިހާ ފުލުހުންނަށް ވެސް އޮތް ބިރެއް ކަމަށް އެ ފުލުހުން ދެކޭ ކަމަށެވެ.
ގާނޫނާ ހިލާފަށް އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ދަށުން ހައްޔަރުކޮށްފައި ވީނަމަވެސް ބަންދުކޮށްފައިވާ ފުލުހުން ތިބީ ސާބިތުކަންމައެކު ގައުމަށް ހިދުމަތް ކުރުމުގައި ދެމިތިބުމުގެ އަޒުމުގައި ކަމަށްވެސް ވަކީލުން ބުނެއެވެ.