ރާއްޖޭގެ ސަރަހައްދުގައި ކޮޅިގަނޑެއް އުފެދިފައިވާތީވެ މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފިސް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ އިރުން އަދި ސްރީލަންކާގެ ދެކުނުގެ ސަރަހައްދުގައި މިއަދު ކޮޅިގަނޑެއް އުފެދިފައި ވާ ކަމަށެވެ.
"މިކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހެމުންދާނެ ކަމަށް ލަފާކުރެވެ އެވެ. ކުރިއަށް އޮތް 48 ގަޑިއިރުތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ،" މެޓް އޮފީހުގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، ބޯކޮށް ވާރޭވެހި ގުގުރާ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.