ފުލުހުންގެ އިސް އޮފިސަރުންތަކެއް ހައްޔަރުކޮށްފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ޙަޤީގަތެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ އެކްޓިންގ ޕޮލިސް ކޮމިޝަނަރއަކަށް ހުންނެވި ޢަބްދުﷲ ނަވާޒާއި މާލޭ އޭރިޔާ ކޮމާންޑަރ އިސްމާއީލް ނަވީން ހައްޔަރުކޮށްފައިވާކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ.
އެކްޓިންގ ޕޮލިސް ކޮމިޝަނަރ ކަމުން ނަވާޒް ވަކިކޮށް ފުލުހުންގެ ތެރޭގައި ބަންދުކޮށް ނަވީން ހައްޔަރުކޮށްފައިވާ ކަމުގެ ވާހަކަތަކެއް ހޮނިހިރު ދުވަހުގެރޭ ވަނީ ފެތުރިފައެވެ.
އެވާހަކަތައް ފެތުރިފައިވަނިކޮށް ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފުލުހުންގެ އިސްވެރިންތަކެއް ހައްޔަރުކޮށްފައިވާކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަ ތަކަކީ ދޮގު ޚަބަރެއް ކަމަށެވެ.
There are reports circulating on social media that some senior officers from MPS were arrested today. Please disregard the information as it is false.
— Maldives Police (@PoliceMv) March 10, 2018
މިއަޑުތައް ފެތުރުމާއެކު ފުލުހުން ޓްވީޓްކޮށްފައިވަނިކޮށް، ދާދިފަހުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) މަގާމަށް ހަމަޖައްސެވި ހަމްދޫން ރަޝީދު ވަނީ ހޮނިހިރު ދުވަހުގެރޭ ގާތްގަނޑަކަށް 12:30 ހާއިރު ފުލުހުންގެ ލޯންޗެއްގައި ދޫނިދޫއަށް ދިމާލަށް ވަޑައިގަންނަވާފައެވެ. އެމަންޒަރު ރާއްޖެއެމްވީގެ ނޫސްވެރިންނަށްވެސް ވަނީ ފެނިފައެވެ.
ސުޕްރީމް ކޯޓުން މިދިޔަމަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރަށްފަހު ސަރުކާރުން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ބައެއް ފުލުހުންނާ ސިފައިން ދަނީ ހައްޔަރު ކުރަމުންނެވެ. އަދި ބައެއް ފުލުހުންނާއި ސިފައިން ވަނީ ވަޒީފާއިންވެސް ވަކިކޮށްފައެވެ.